މި ދަނޑިވަޅަކީ ޔަހޫދީ އިޒްރޭލުގެ ދާހިލީ ކޯޅުންގަނޑު އިންތިހާއަށް ނުތަނަވަސްވެފައިވާ ވަގުތެއް ކަމާ މެދު ދެބަސްވާނެ ޖާގައެއް ނެތެވެ. އިޒްރޭލުން ރަނގަބީލެއްގެ އަޑު އިވެމުންދާއިރު، އެ އަޑަކަށްހެން އިވެމުންދަނީ ހުދުމުހުތާރު ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނަން އުޅޭ ކަމުގެ އަޑުފަށްގަނޑެވެ.

ފާއިތުވީ 2 އަހަރެއްހާ ދުވަހަށް ބަލާއިރު، އިޒްރޭލުގައި 4 ފަހަރެއްގެ މަތިން އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފިއެވެ. އެއްވެސް އިންތިހާބެއްގައި ވަކި ގޮތަކަށް ނިންމިފައެއް ނުވެއެވެ. މިއާއެކު އިދިކޮޅު ޔެއީރު ލެޕީޑަށް، ސަރުކާރު އުފައްދަން ލިބިފައި އޮތް 28 ދުވަހުގެ މުހުލަތު، ބުދަ ދުވަހު ހަމަވާކަން ފާހަގަ ކުރަން ޖެހެއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ (ވ) އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (މ) / ފޮޓޯ: ވީއޯއޭ

ލިބެމުންދާ އެންމެ ފަހުގެ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު، އިދިކޮޅު ލީޑަރު މިހާރު ވަނީ، ކޯލިޝަނެއް ކާމިޔާބު ކުރުމުގެ މަސައްކަތް، ޔަގީނާ ގާތަށް ކަށަވަރު ކޮށްފައެވެ. އިދިކޮޅު ލީޑަރަށް ކޯލިޝަނެއް ކާމިޔާބު ވެއްޖެ ނަމަ، ލާއިންސާނީ އެތައް ޖަރީމާއެއްގެ ފަހަތުގައި ހުރި ނަތަންޔާހޫގެ 12 އަހަރުވީ މުއްބާރު ވެރިކަމުގައި ސިއްކަ ޖެހޭނެއެވެ.

ލެޕީޑަށް ކޯލިޝަން ކާމިޔާބުވުމުގެ ބޮޑު ބައެއް ބަރޯސާ ވަނީ މަޖިލީހުގެ 6 ގޮނޑި ކާމިޔާބު ކޮށްފައިވާ ޔަމީނާ ޕާޓީގެ ނަފްތާލީ ބެނެޓްއަށެވެ. އޭނާގެ ނިންމުން އަދި އިއުލާން ކޮށްފައި ނުވާއިރު، މިހާ ވަރުގަދަ ކޯލިޝަނެއް އެކުލަވާލުމަށް، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަރަބި މެންބަރުން (އިޒްރޭލުގެ ފަލަސްތީނު ރަށްވެހިން)ގެ ތާއީދުވެސް ބޭނުންވާނެއެވެ.

ޔަހޫދީ އިޒްރޭލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ / ފޮޓޯ: ނިއުސްވީކް

އަރަބި މެންބަރުންނާ ޔަމީނާ ޕާޓީއާވެސް ފިކުރު ތަފާތެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަތަންޔާހޫ ތަންފީޒު ކުރާ ލާއިންސާނީ އުސޫލުތަކަކުގެ ސަބަބުން، ލެޕިޑް-ބެނެޓްގެ ކޯލިޝަން ކާމިޔާބު ވުމުގެ ފުރުސަތުވެސް ބޮޑެވެ.

ބުދަ ދުވަސް އަންނައިރުވެސް އިޒްރޭލުގައި ސަރުކާރެއް އިއުލާން ކުރަން ލެޕިޑްއިން ފެއިލްވެއްޖެނަމަ 5 ވަނަ އިންތިހާބަކަށް ދާނެއެވެ. ބެނެޓް ވަނީ، އެއީ ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށް ބުނެފައެވެ.