މީހުން މެރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯން ރޮބޮޓަކުން، އިތުރު އޯޑަރެއް ނުވަތަ އިރުޝާދަކާ ނުލާ، މީހަކު މަރާލާފައި ވާކަމަށް އދއިން އެކުލަވާލި ރިޕޯޓެއް ބުނެފިއެވެ.

މިއީ މިފަދަ ހާދިސާއެއް ރިޕޯޓް ކުރި ފުރަތަމަ ފަހަރެވެ.

އދއިން ދަނީ މިފަދަ ރޮބޮޓްތައް ބޭނުން ކުރުން މަނާ ކުރުމަށް 2019 ވަނަ އަހަރު މަސައްކަތް ކޮށްފައެވެ. ނަމަވެސް، އެކަން ކާމިޔާބު ކުރުމަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ.

އދއިން ސަލާމަތީ މަޖިލީހުން ލީބިއާއަށް ކަނޑައަޅާފައިވާ ތަޖުރިބާކާރުންގެ ޕެނަލުން އެކުލަވާލި ރިޕޯޓެއްގައި ބުނެފައި ވަނީ، "މިނިވަން ކަމާއެކު" މީހުން މެރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯން ރޮބޮޓަކުން، މީހަކު ޝިކާރަކޮށް، މަރާލާފައި ވާ ކަމަށެވެ.

އިތުރު އިރުޝާދެއް ނުވަތަ އޯޑަރަކާ ނުލާ ހަރަކާތްތެރިވެ، މީހުން މެރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯން ރޮބޮޓަކުން މީހަކު މަރާލާފައި ވަނީ މިދިޔަ އަހަރު ކަމަށް އދގެ ރިޕޯޓް ބުނެއެވެ. "ކަރްގޫ-2"ގެ ނަން ދީފައިވާ މި ކުއަޑްކޮޕްޓަރަކީ، ތުރުކީވިލާތުގެ އަސްކަރީ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެސްޓީއެމްގެ އުފެއްދުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމެއް ހިނގާފައި ވަނީ ލީބިއާގެ ވެރިކަމަށް ތަޅާފޮޅަމުން ހަލީފާ ހަފުތާރުގެ ބާރުތަކާ، ލީބިއާގެ މައި ސަރުކާރުގެ ބާރުތަކާ ދެމެދު ކުރިއަށް ދިޔަ ކުރިމަތިލުންތަކުގައި އެރި އޮޅުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ޑްރޯން ރޮބޮޓްތަކަކީ، ހަމަލާ ދިނުމަށްޓަކާ އޮޕަރޭޓަރާ ހަތިޔާރު އޮތް ޗޭމްބަރާ ދެމެދު ގުޅުމެއްވެސް އޮންނަން ނުޖެހޭ ގޮތަށް ފަރުމާ ކޮށްފައި ހުންނަ ޑްރޯންތަކެކެވެ. މަރާލާނެ މީހަކު ކަނޑައަޅާ، އެކަން ތަންފީޒު ކުރުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ޑްރޯންއަށެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ، ހިއުމަން ރައިޓްސް ވޮޗްއިންވެސް 2020 ވަނަ އަހަރު ވަނީ، މިފަދަ އަސްކަރީ ޓެކްނޮލޮޖީއާ ދެކޮޅަށް އަޑު އުފުލާފައެވެ. 30 ގައުމަކުން ވަނީ، މިފަދަ ޑްރޯންތަކާ ދެކޮޅަށް ތެދުވެފައެވެ.