މިނިވަނޭ އެބުނާ ބުނުން ހީއަކަށް ވެއްޖެ ކަމަށާ ދިވެހި ދަރިން ހޭއަރަންވެއްޖެ ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާލުވެއްޖެއެވެ.

ޅެންބައިތު ތަކެއް ހިއްސާކުރަމުން ޝަރީފް ވިދާޅުވެފައި ވަނީ ކުރިންވެސް ތަންތަން ހިފައި އުޅުނު ކަމަށާ، މިކަމާ ކުރިމަތިލައި ކެރިގެން ދިވެހިންތަކެއް ނިކުތް ކަމަށެވެ. އެދުވަހާ އަދު ތަފާތު ކަމަށާ، މިއަދު ހިތްހެޔޮ އެކަކުވެސް ނެތްކަމަށް ޝަރީފްގެ ޅެންބައިތުގައި ވެއެވެ.

ޝަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވަން އިންޑިއާގެ ޔޫނިއަން ކެބިނެޓުން ފާސްކުރުމާ ގުޅިގެން ބައެއް އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވާއިރު އަނެއް ބަޔަކު އެކަމަށް ތާއީދު ކުރާ ދަނޑިވަޅެއްގައެވެ. ފާޑުކިޔާ އާންމުންގެ ގިނަ ބަޔަކު ވަނީ އައްޑޫގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް އެޅުމާ ދެކޮޅު ހަދާފައެވެ. އަދި އިންޑިއާއިން އުޅެނީ ދިވެހި ރާއްޖެ ހިފަން ކަމަށްވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

ޝަރީފްގެ ޅެމުގައި އިތުރަށް ވަނީ ބައެއްގެ ދަށުވެ ނަގައިފައިވާ ލޯނުތަކުގެ ސަބަބުން ކުށެއްނެތް އެތައްބައެއްގެ ބޯ ހިކިފައިވާކަމަށާ، ރަށްތަކާ ގިރިއާ ފަޅުތައްވެސް ވިކި ހުސްވެއްޖެ ކަމަށެވެ. އަދި ގައުމު ބަލަހައްޓަން މިއަދު އިސްވެގެން ތިބީ މި ގައުމުގެ ދަރިންކަމާމެދު ޝައްކު އުފެދިއްޖެ ކަމަށްވެސް ޝަރީފް ވިދާޅުވެވެއެވެ.

އިންޑިއާ ސަރުކާރުން އައްޑޫގައި ކޮންސުލޭޓް އޮފީހެއް ގާއިމުކުރަން އެގައުމުގެ ޔޫނިއަން ކެބިނެޓުން ފާސްކުރުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އައްޑޫސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.