ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލުން އަލުން އަނބުރާ ދާންވީ ވިލާތާއި އެމެރިކާއަށް ކަމަށާއި ދިރިއުޅުން އާރާސްތު ކުރަން ފަށަން ވީ އެ ގައުމުތަކުގައި ކަމަށް، އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެއަލް އިސްމާއީލް ޣަނީ ވިދާޅުވެއްޖެއެވެ.

މި މޭރުމުން ޣަނީ ވަނީ، އިޒްރޭލުން ވެރިވެގަނެ، ހިސޯރުކޮށްފައިވާ ބިންތައް އަލުން ހިފާ، އެ ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް ފަލަސްތީނުން ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވެފައެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެތަނުގައި ވަޒަންވެރިވާން އައިއިރު، ވިލާތާއި އެމެރިކާއިން އިޒްރޭލުން ވިއްކާލި ބިންތަކުގެ އަގު، މާ ބޮޑަށް ނުއުފުލެނީސް، އެ ބިންތައް އަލުން އަނބުރާ ގަތުމަށް، އިޒްރޭލުގެ ޒަޔަނިސްޓު ޔަހޫދީންނަށް ލަފާ ދެއްވާކަމަށްވެސް ޣަނީ ވަނީ ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޣަނީ ވަނީ، ދާދި ފަހުން އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ބަދަލު ކުރި ހަމަލާތަކުގައި، އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގާބިލުކަން ހަމާސް ޖަމާއަތަށް އޮތް ކަމަށާ، ނަމަވެސް ހަމާސްއިން އެކަން ކޮށްފައި ނުވަނީ، އެ ބިމުގައި ފަލަސްތީނުގެ ރައްޔިތުން އަލުން ދިރިއުޅުން އާރާސްތު ކުރަން ފެށުމަށް މާ ގިނަ ދުވަސްތަކެއް ނެތުމުން ކަމަށް ހަމާސް އިން ގަބޫލު ކުރާތީ ކަމަށް ވެސް ވިދާޅުވެފައެވެ.

ގުދުސް ފޯސްއަކީ، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތަށް ތާއީދު ކުރާ އަސްކަރީ ބާރެކެވެ.

11 ދުވަހުގެ ހަމަލާ ބަދަލު ކުރުންތަކަށް ފަހު، އިޒްރޭލާއި ހަމާސް އިން ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައި މެއި 21، 2021 ވަނަ ދުވަހުއެވެ.