ދީނީގޮތުން ހަރުކަށި ފިކުރުގެ ބަޔަކާ ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާ ކަމުގެ ތުހުމަތާ އެކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިިން ގުޅިގެން ރާއްޖޭގައި އަންނަނީ ހަރުކަށި ފިކުރުގެ މީހުން ހޯދަުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން އެ އޮޕަރޭޝަންގެ ތެރެއިން ހުޅުމާލެ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ތިން މީހުންގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ބަންދުގެ މުއްދަތު 15 ދުވަސް އިތުރު ކޮށްދީފައެވެ.

އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތައް:

  • ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާއެއް ރާވަމުން ދިއުމާއި އެކަމުގައި ބައިވެރިވުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުން
  • ޖިހާދު ނަމުގައި ހަނގުރާމަ އަށް މީހުން ފޮނުވުން
  • ވަކިިން ޖަމާއަތް ހަދައިގެން ނަމާދު ކުރުން
  • ދީނީ ހަރުކަށި ފިކުރު ފަތުރާ ކްލާސްތަކެއް ހިންގުން

އެކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ވަނީ މިމަހު 18 ވަނަ ދުވަހު ވެސް ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރި ވާ މީހެއް މާލެ އިން ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން ވެސް ދާދި ފަހުން ވަނީ އައްޑޫން ވެސް ހަރުކަށި ފިކުރާ ގުޅުން ހުރި 7 މީހަކު ހައްޔަރު ކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދާއިރު މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ.