އެމްޑަބްލިޔުއެސްސީން އދ.ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތުގެ މަސައްކަތްތަކާއި އަދި ފެނުގެ މައި ނެޓްވޯރކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްތަކެވެ.

އެ މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ. އަދި މިއާއެކު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެމަޝްރޫއުގެ އަގަކީ ޖުމްލަ 21,651,878.00 މިލިއަން ރުފިޔާއެވެ. އެ މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.