ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައި ވަނީ 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ ރޭ ފަތިހު 5:36 ހާއިރު ކަމަށްވެސް އެޗްޕީއޭން މައުލޫމާތު ދެއެވެ.

އިއްޔެ ޖުމްލަ 5 މީހަކު މި ބަލީގައި މަރުވެފައި ވާއިރު މިއީ މި ބަލީގައި މިއަދު މަރުވި ފުރަތަމަ މީހާއެވެ.

މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 84 އަށް އަރާފައިވާއިރު ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 157 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގަ އެވެ. ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވެސް 24،000 އަށް ވުރެ ގިނައެވެ.