ރާއްޖެއިން އިތުރު 901 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،821 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، އޭގެތެރެއިން 901 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 468 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 11 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 417 މީހަކާ އަދި އިންޑަސްޓްރިއަލް އައިލެންޑުން 1 މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 24،818 އަށް އަރާފައެވެ. އަދި ކޮވިޑް ޖެހުނު 61،844 މީހުންގެ ތެރެއިން 36،862 މީހުން މިހާތަނަށް ރަނގަޅުވެފައިވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 155 އަށް އަރާފައެވެ.
މިއަދު ކޮވިޑުގައި ހަތަރު މީހަކު މަރުވެފައިވާއިރު ފުރަތަމަ މަރުވި ދެމީހުން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ. ހުޅުމާލެ ފެސިލިޓީގައި މިއަދު އެންމެ ފުރަތަމަ މަރުވެފައިވާ ދެމީހުންނަކީ 54 އަހަރުގެ ދިވެހި ފިރިހެނެކާ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއަދު ތިންވަނައަށް މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 69 އަހަރުގެ ދިވެހި އަންހެނެކެވެ. ހަތަރުވަނަ އަށް މިއަދު މަރުވެފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.
26 މޭ އިން ފެށިގެން ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް ކާފިއު ހިންގަން ވަނީ ފަށާފައެވެ. ހަމައެއާއެކު ކާފިއު ނޫން ވަގުތު ތަކުގައި ވެސް ބޭރަށް މީހުން ނުކުމެ އުޅުމުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ނިންމާފައިވާއިރު އެއިން ފާހެއް އޮވެގެން މެނުވީ ބޭރަަކަށް ނުނިކުމެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
އަދި މި ނިންމުން ތަންފީޒު ކުރާ އިރު މާލެ ސަރަަހައްދު ދެ ޒޯނަކަށް ބާހާލައިގެން މޫވްމަންޓް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެއެވެ. އަނެއް ޒޯނަކީ މާލެއާއި ވިލިމާލެއެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް މާލެއަށް ނޭރޭނެއެވެ. އަދި މާލެއާއި ވިލިމާލޭގައި އުޅޭ މީހަކަށް ހުޅުމާލެއަށް ނޭރޭގޮތައް ވަނީ ހަމަޖައްސާފައެވެ. ކާފިއު އިއުލާނުކުރުމުގެ އިތުރުން މާލެ ސަރަހައްދުގެ މިސްކިތްތައްވެސް ވަނީ ބަންދުކޮށްފައެވެ.