ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ސިފައިންގެ ބައެއް ޖެނެރަލުންނާއެކު "ކަރޯކޭ" ލަވަ ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯއިން ފެނިގެން ދަނީ ސިފައިންގެ މަރުކަޒެއްގެ ތެރޭގައި ޝަމާލް އާއި ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ކަރޯކޭ ޖައްސަވާ މަންޒަރެވެ.

ހިންދީ ޑްއެޓް ލަވައެއް ކަމަށްވާ "މުޖޭ ޗޫ ރަހީ ހޭ" އަށް ދެ ބޭފުޅުން ލަވަވިދާޅުވަމުން ގެންދަވާ އިރު ޝަމާލް ވިދާޅުވަނީ ފިރިހެން މީހާގެ ކަޑި ތަކެވެ. އަދި ވަހީދު ވިދާޅު ވަނީ އަންހެން އަޑުން އަންހެން މީހާގެ ކަޑި ތަކެވެ.

https://www.facebook.com/100018806508770/videos/769609263675950/

ޝަމާލްގެ ތަފާތު ހުނަރެއް ފެނިގެންދާ މިވީޑިއޯއާ ގުޅިގެން އެއް ބަޔަކު އަންނަނީ ޝަމާލްގެ ހުނަރަށް ތައުރީފު ކުރަމުންނެވެ. ޝާމާލްގެ އެ ހުނަރު ފެނި ގިނަ ބަޔަކު ތިބީ ހަމަ ހައިރާން ވެފައެވެ.

އެއްބަޔަކު ތައުރީފު ކުރަމުން ދާއިރު އަނެއް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ބުނަމުން ދަނީ ބޮޑު ކާރިސާއެއްގެ ތެރޭގައި ގައުމު އޮތް އިރު، މައްސަލަތައް ހައްލު ކުރަން ތިބި މީހުންގެ ހާލަތު މިއީ ކަމަށެވެ. އިތުރު މީހަކު ބުނެފައި ވަނީ ކޮވިޑުގައި އެންމެން ހަދާނެ ގޮތް ހުސްވެފާ ތިއްބާ "މި މީހުން" ނާޗަރަންގީ ކުޅެނީ ކަމަށެވެ.

މޯލްޑިވިއަން އައިޑަލް ފަށައިގެން އުޅޭ ކަމަށް ބުނެ އަނެއް ބަޔަކު އަންނަނީ ޖޯކު ވެސް ޖަހަމުންނެވެ.

ފާޑު ކިޔާ މީހުން ފާޑު ކިއި ނަމަވެސް ގިނަ މީޙުން އަންނަނީ ޝަމާލްގެ ދިފާއުގައި ހިޔާލު ފާޅުކުރަމުންނެވެ. އެގޮތުން ސިފައިންނަށް ލިބޭ ހުސް ވަގުތުގައި އުފާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެއް ބަޔަކު ބުނެއެެވެ. އަދި އެމީހުން ލަވަ ކިއުމަކުން މައްސަލައެއް ނެތް ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

އޭގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔަނި ޓްވީޓާ އެކައުންޓް "އެލެކްސް އަހުމަދު" ބުނީ ސިފައިން ލަވަ ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވެސް ވަނީ ޝަމާލް އާ އެއް ވަރަށް ލަވަ ކިޔުއްވާ ކަމަށް ވިދާޅުވެ ވީޑިއޯ އެއް ހިއްސާ ކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން ދާއިރު ސިފައިން އަދި ފުލުހުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އާއިލާއާ ދުރުގައި ގައުމީ ހިދުމަތުގައި އެތައް ވަގުތެއް ހޭދަ ކުރަމުންނެވެ.

ޝަމާލް ލަވަ ވިދާޅުވާ ވީޑިއޯ އާންމު ވެފައި ވާއިރު އެއީ ކޮން އިރަކު ޝޫޓް ކޮށްފައި އޮތް ވީޑިއޯއެއްކަން ނޭނގުނަސް ދަތްދޮޅުދަށުގައި މާސްކް އޮތީމައި އެއީ ޕެންޑަމިކް ގެ މިހާލަތުކަން އެނގެއެވެ.