މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް، 10 އަހަރުން ދަށުގެ 5000 އަށް ވުރެއް ގިނަ ކުދިންނަށް ކޮވިޑް-19 ޖެހިފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ބުނީ ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް 10 އަހަރުން ދަށުގެ 5،131 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ތަފާސްހިސާބު ދައްކާ ގޮތުން ޖެނުއަރީ އިން ފެށިގެން ދުވާލަކަށް އެވްރެޖް ކޮށް 10 އަހަރުން ދަށުގެ 52 ކުދިން ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.

އެޗްޕީއޭން އެހެން ބުނެފައި ވާއިރު މި މަހު، އެޗްޕީއޭ އިން ހިއްސާ ކުރި ވީޑިއޯ މެސެޖެއްގައި، ޑރ. ނަޒްލާ މުސްތަފާވެސް ވަނީ ކުޑަކުދިންގެ އަދަދު އިތުރުވަމުން ދާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނަޑަކަށް 70 ނުވަތަ 80 ވަރަކަށް ކުދިން ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޕޮޒިޓިވް ވާ ކުދިންގެ ތެރޭގައި، ކޮންމެ ދުވަހަކު ވެސް އެއް އަހަރުން ދަށުގެ ހަތަރެއް ނުވަތަ ފަސް ކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑެތި މީހުންނާ އަޅާބަލާއިރު ކުޑަކުދިން ޕޮޒިޓިވް ވެއްޖެނަމަ ހާލު ސީރިއަސް ވުމުގެ ފުުރުސަތު ދަށް ނަމަވެސް ކުޑަކުދިން ޕޮޒިޓިވް ވަމުން ދަނީ ކަންބޮޑުވާ މިންވަރަށް ކަމަށްވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދަރިންގެ ރައްކަލަށްޓަކައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

  • ކޮވިޑް އެކްޓިވް ކޭސް: 24،867
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 285
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 149
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 59،644
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 34،621

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެފައިވާއިރު މިވަގުތު އެކްޓިސް ކޭސްތަކުގެ ގޮތުގައި 24،800 އަށްވުރެއް ގިނަ މީހުން އެބަ ތިއްބެވެ.