ކޮވިޑު 19 އަށް ފަރުވާ ހޯދަމުން ދިޔަ 56 އަހަރުގެ ދިވެއްސަކު މަރު ވެއްޖެއެވެ.

މިއީ މިއަދުގެ ފުރަތަމަ މަރެވެ. މި މީހާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ރޭ މެންދަމުގެ ވަގުތެއްގައެވެ. އަދި މަރުވެފައި ވަނީ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަރާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 149 އަށް އަރާފައެވެ.

އިއްޔެ މި ބަލީގައި ހަތަރު މީހަކު މަރުވެފައި ވާއިރު ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ރާއްޖެއިން މަރުވެފައިވަނީ މި ހިނގާ މޭ މަހުއެވެ. މިމަހު މިހާތަނަށް 76 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ. މި މަހުގެ 24 ވަނަ ދުވަހަކީ ކޮވިޑް ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. އެ ދުވަހު ޖުމްލަ 13 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވުމާ ކޮންޓެކްޓުން އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އުސޫލަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ދެން ކޮންޓެކްޓް ޓްރޭސިން ހަދާނީ ހަމައެކަނި ހައި ރިސްކް މީހުންގެ އެކަނިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.