އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައިސް ސޯލިހު ވިދާޅުވީ އެކަމާ ގުޅިގެން މިހާތަނަށް ވިދާޅުވެން އޮތީ އެއީ އިންޑިއާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ ނިންމުން ހިއްސާކުރާނެ ކަމާއި އަދި ދެގައުމުގެ ދޭތެރޭ އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއްފަރާތުން އަނެއް ފަރާތައް އެދޭ ކަންކަން ފުރިހަމަ ކުރުމަށް ދެފަރާތުން ދެކެވެން ޖެހޭ ވާހަކަތައް ދެކެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ހުޅުވުމުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ހަރުދަނާވުމުގެ އިތުރުން ޑިޕްލޮމެޓިކް ބޭނުންތަކަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ އަދަދު އިތުރު ކުރެވޭނެ ކަމަށެވެ.
އަދި ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަ ވުމުން ރާއްޖޭގެ ބާޒާރުތަކުގައި އިންޑިއާގެ ކުންފުނިތަކަށް ހުންނަ ފުރުސަތުތައް ވެސް އިތުރު ކުރެވޭނެ ކަމަށް ވެސް އިންޑިއާގެ މީޑިއާއިން ވަނީ ބުނެފައެވެ. މިކަމުން އިންޑިއާގެ އިގުތިސާދާއި ވަޒީފާގެ ބާޒާރަށް ސީދާ ފައިދާތަކެއް ކުރާނެ ކަމަށް ބުނެއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަން ހަމަޖެހިފައިވާ އިރު އައްޑޫގައި އަޅާ ފުލުހުންގެ ޓްރޭނިން ސްކޫލްވެސް ހަދަމުން ދަނީ ވެސް އިންޑިއާގެ އެހީގައެވެ.