މިނިސްޓާ އޮފް ހެލްތުގެ ނައިބުގެ މަގާމަށް މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް ޝަމާއު އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޝަމާއު ޝަރީފަކީ، ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.

އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން ޝަމާއު އަދާކުރައްވާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމެވެ. މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، މާލެ ސިޓީގެ ކައުންސިލް މެންބަރުކަން ވެސް ޝަމާއު ވަނީ އަދާކުރައްވާފައެވެ.

ޝަމާއު އަކީ ނިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި އެމްޑީޕީ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުން ބަލިވެ، ސިޔާސީ މަގާމެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަރާތެވެ.