މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ހާއްސަ ފިޔަވަޅުތަކާ އެކު ދެން މާލެ ސަރަަހައްދުގައި ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 6 އިން މެންދަމު 12 އަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލުވެއްޖެއެވެ.
މިހާރު ކުރިއަށް ދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް އިން ރައްކާތެރި ވުމަށް ހާއްސަ ފިޔަވަޅުތަކެއް މި މަހުގެ 26 އިން ފެށިގެން އަޅަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކާފިއު ވަގުތު ހަވީރު 4 އިން ހެނދުނު 8 އަށް އިތުރު ކުރާ ކަމަށާއި ކާފިއު ވަގުތު ތަކުގައި އެމަޖެންސީ ހާލަތެއް ދިމާވެގެން މެނުވީ ބޭރަށް ނުކުމެ ނޫޅުމަށެވެ.
2 ހަފްތާގެ މުއްދަތަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާއިރު މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރަންޓް ތަކުންނާއި ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވޭނެ ވަގުތަކީ ހެނދުނު 6 އިން މެންދަމު 12 އަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކާފިއު ވަގުތުތަކުގައި ފިހާރަތަކަށް ވިޔަފާރި ކުރަން ވަދެ އުޅުމަކީ މަނާ ކަމެއް ކަމަށާއި އެ ފަދައިން ވިޔަފާރި ކުރަން ފުރުސަތު ދޭ ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކާފިއު ވަގުތު އިތުރު ކޮށްފައިވާ އިރު ކާފިއު ނޫން ވަގުތު ތަކުގައި ވެސް ޒަރޫރީ ބޭނުމެއް އޮވެގެން މެނުވީ ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ. ބޭރަށް ނުކުންނަ މީހުން ކޮންޓްރޯލް ކުރުމަށް ބުދަ ދުވަހުން ފެށިގެން ކޮންމެ ގޭބިސީއަކަށް ވެސް ދެ ފާސް ދޫކުރާނެ ކަމަށާއި ބޭރަށް ނުކުންނަ އިރު އެ ފާސް ބޭނުން ކުރުމަށް ވަނީ އަންގާފައެވެ. ފާހާއެކު ބޭރަށް ދިއުމުގެ ހުއްދަ ލިބުނު ނަމަވެސް މާލޭގައި ތިބޭ މީހުންނަށް ހުޅުމާލެއަށް ނުދެވޭނެ ކަމަށާއި ހުޅުމާލޭގައި ތިބޭ މީހުންނަށް މާކެއަށްވެސް ނާދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ ކުރިން ޑެލިވަރީގެ ހިދުމަތް ދެވޭ ވަގުތަކަށް އެޗްއީއޯސީން ބުނެފައި ވަނީ ހަވީރު 4 އިން ފަތިހު 4 އަށެވެ.