މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ އާ ހާއްސަ ފިޔަވަޅުތަކުގެ ދަށުން މާލެއާއި ހުޅުމާލެއާ ދެމެދު އެއްގަމު ދަތުރު ކުރުން މަނާ ކޮށްފިއެވެ. އެގޮތުން ހުޅުމާލެ އިން މާލެއަށް އަދި މާލެއިން ހުުމާލެއަށް ވެސް ވެހިކަލުގައި ނުދެވޭނެއެވެ.
އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ، މާލެ ސަރަހައްދު ދެ ޒޯނަކަށް ބަހާލައިގެން އާންމުންގެ މޫވްމަންޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. މިގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން 2 ހަފްތާގެ މުއްދަތަަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކާފިއު ވަގުތު އަންނަ ބުދަ ދުވަހުން ފެށިގެން ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން ކާފިއު ވަގުތަކީ ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށެވެ. އަދި ކާފިއު ނޫން ވަގުތު ބޭރަށް ނުކުތުމުގައި ވެސް ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެ ގޮތުން ފާހަކާއެކު މެނުވީ ބޭރަށް ނުނިކުމެވޭ އިރު ކޮންމެ ގޭބިސީއަކަށް 2 ފާސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފާހަށް އެދި މިރޭ 8 އިން ފެށިގެން ހުށަހެޅޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަބްދުﷲ ޝަރީފް އިތުރަށް ތަފްސީލް ކޮށްދެއްވަމުން ވިދާޅުވީ، މާލެ ސަރަހައްދު ދެ ޒޯނަކަށް ބަހާލާފައި ވާއިރު ހުޅުމާލެއަކީ އެއް ޒޯން ކަމަށާއި މާލެއާއި ވިލިމާލެއަކީ އެއް ޒޯޏް ކަމަށެވެ. ފާސް އޮވެގެން ކާފިއު ނޫން ވަގުތު ޒަރޫރީ ބޭނުމަކަށް ނުކުތް ކަމުގައި ވިޔަސް އެއްޒޯނުން އަނެއް ޒޯނަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ އާއި ވިލިމާލެއަކީ އެއް ޒޯނަކަށް ކަމުގައި ހަމަޖައްސާފައި ވާތީ ވިލިމާލެއަށް ދޫކުރާ ފާހާ އެކު މާލެއަށް ދަތުރު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޕާމިޓް ދޫކުރާ އިރު ދޫކުރަނީ 4 ގަޑި އިރަށެވެ. އެގޮތުން ހެނދުނު 8 އިން 12 އަށް އަދި މެންދުރު 12 އިން 4 އަށެވެ.