ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އޮތް ކާފިއު ވަގުތު އިތުރު ކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުަޖމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގައި ކާފިއު ހިންގާ ވަގުތު ހަވީރު 4 އިން ހެނދުނު 8 އަށް ބަދަލު ކޮށްފައި ވާ ކަމަށެވެ. އެ ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށާއި، އެ ނިންމުން 2 ހަފްތާގެ މުއްދަތައް ދެމި އޮންނާނެ ކަމަށެވެ.
ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ވިޔަސް ބޭރަށް ނުކުމެ އުޅެވޭނީ ފާހެއް އޮވެގެން ކަމަށާއި އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ފާސް އޮތް ނަމަވެސް ގެއިން ބޭރަށް ނުކުމެ އުޅެން ވާނީ ޒަރޫރީ ބޭނުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ހާއްސަ ފިޔަވަޅުތަކާ އެކު ބޭރަށް ނުކުމެ އުޅޭ އިރު ހުޅުމާލެ އިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ދަތުރު ނުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ފާސް ދޫކުރާ އިރު ދެ ޒޯނަކަށް މާލެ ސަރަހައްދު ވަނީ ބަހާލާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެ ކަމަށާއި ދެވަނަ ޒީނަކީ މާލެ އަދި ވިލިމާލެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން މި ހާއްސަ ފިޔަވަޅުތަކާއެކު ހުޅުމާލެއިން މާލެއަށް ފާސް އޮތް ނަމަވެސް ދަތުރު ނުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ފާހާ އެކު އުޅެވޭނީ އެ ޒޯނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ކޮވިޑް ބަލި ރާއްޖެއިން ފުރަތަމަ ފެނުނުތާ 443 ދުވަސް ވެފައިވާ އިރު މި މަހަކީ މި ބަލީގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސް އަދި މި ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު ޖުމްލަ 24،530 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން މި ބަލީގައި މަރުވި ދިވެހިންގެ އަދަދު މި ވަނީ 120 އަށް އަރާފައެވެ. މިހާތަނަށް މި ބަލީގައި މަރުވި 15 ބިދޭސީއަކާ އެކު މިހާރު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 135 އަށް އަރާފައެވެ. މިދިޔަ އަހަރު 51 މީހަކު މި ބަލީގައި މަރުވެފައިވާ އިރު މި އަހަރު މަރުވި މީހުންގެ އަދަދު މިހާރު މި ވަނީ 84 އަށް އަރާފައެވެ.
މީގެ ކުރިން ކާފިއު ވަގުތަކަށް ހަމަޖައްސާފައި ވަނީ ހަވީރު 4 އިން ފަތިހު 4 އަށެވެ.