ބްލެކް ފަންގަސްއަށް ޝައްކުކުރެވިގެން ރާއްޖެއިން ނެގި ސާމްޕަލްތަކަކީ ބްލެކް ފަންގަސް ނޫން ކަމަށް ހެލްތު އެމަޖެންސީ ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިޔުކޯމައިކޮސިސް ނުވަތަ "ބްލެކް ފަންގަސް" އަށް ޝައްކު ކުރެވިގެން ރާއްޖެއިން ޓެސްޓް ހެދި މީހާގެ ނަތީޖާ ނެގެޓިވް ކަމަށެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފެނުނު ފަންގަހަކީ އާންމު ގޮތެއްގައި އުމުރުން ދުވަދްވީ މީހުންގެ ގައިން ފެންނަ ފަންފަސްއެއް ކަމަށެވެ. އަދި އެއީ ބައެއް ފަހަރު އެޑްމިޓް ކޮށްފައި ތިބޭ މީހުންގެ ގައިންވެސް ފެންނަ އާންމު ފަންގަސްއެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ އެ ބައްޔަށް ޝައްކު ކުރެވޭ، ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސެއްގެ ކިބައިން އަލާމަތްތަކެއް ފެނިގެން ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވީ މި ހަފްތާގެ ތެރޭގައެވެ.

ރާއްޖެއިން މިބަލިކަމަށް ޝައްކުކުރެވޭ މީހާގެ އަނގައިގެ ތެރޭގައި ހުރި ކުޑަ ފާރުކޮޅެއްގައި ކަޅުކުލައަށް ދާކަހަލަ ކުލައެއް ވަނީ ފެނިފައެވެ. އެހެންނަމަވެސް އެއީ މިބަލީގައި ޢާއްމުކޮށް ފެންނަ ފަދަ ގޮތަކަށް ހުރި ފާރުކޮޅެއް ނޫންކަމަށް ބަލި މީހާގެ ކަންކަން ބަލަމުން ދިޔަ އައިޖީއެމްއެޗްގެ ޑޮކްޓަރަ ކުވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކާ ބްލެކް ފަންގަސް ނޫންކަން ކަށަވަރުކުރުމަށް ސާމްޕަލް ވަނީ ނަގާފައެވެ.

ރާއްޖެއިން އެ ބަލި ފެނިއްޖެނަމަ ދޭނެ ބޭހެއް ނެތް ކަމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. މިއުކޯމައިކޯސިސް ފަންގަސްއަށް ދޭ ބޭހަކީ އިންޑިއާއިން ލިބެން ހުންނަ ބޭހަކަށް ވާއިރު، އިންޑިއާގައި ބްލެކް ފަންގަސް ފެތުރުން އިތުރުވެ، އެ ބޭހުގެ ފަރުވާއަށް ބޭނުންވާ ބޭހުގެ ދަތިކަން ވެސް އެގައުމަށް ވަނީ ކުރިމަތިވެފައެވެ.

"ބްލެކް ފަންގަސް" ބަލީގައި އާންމު ގޮތެއްގައި ބޮޑުވަރު ވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ މީހުން ނުވަތަ ބަލިމަޑުކަމެއް ހުންނަ މީހުންނަށެވެ. އެ އިންފެކްޝަންގެ ސަބަބުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލުމުގައި ދަތިތަކާ ކުރިމަތިލާން ޖެހި ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެއެވެ. ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.