ކޮވިޑް ބަލިޖެހޭ މީހުންނަށް ފަރުވާ ދެމުންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދާ ބަލި މީހުންގެ ހާލު ބަލަން ކޯލް ސެންޓަރެއް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން ދޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ބާއްވަމުން ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދާ ބަލި މީހުންގެ ހާލު އާއިލާއަށް ނޭނގޭ މައްސަލަ ހައްލުކޮށްދިނުމައްޓަކައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކޯލް ސެންޓަރެއް ހަމަޖައްސާފައިވާ ކަަމަށެވެ. އެ ގޮތުން ހުޅުމާލެ ފެސިލިޓީގައި އޮންނަ ބަލި މީހެއްގެ ހާލު ބެލުމަށް ގުޅާނީ 3022221 މި ނަންބަރަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެ ސެންޓަރުން ހިދުމަތް ދޭން ފަށާނީ މިއަދުން ފެށިގެން ކަމަށާއި މިހާރުން ފެށިގެން އެ ނަންބަރަށް ގުޅައިގެން ހުޅުމާލޭ ފެސިލިޓީގައި ތިބި އާއިލާ މެންބަރުންގެ ހާލު ބެލޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ގެ ސީއީއޯ މަރިޔަމް ސައީދާ ވިދާޅުވީ، މި ވަގުތު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ އަދަދެއްގެ ބަލި މީހުންނަށް ފަރުވާ ދެމުން އަންނާތީ ބަލި މީހުންނަށް ދޭ ފަރުވާގެ ތަފްސީލް އާއިލާއަށް ފޯރުކޮށް ދިނުމުގައި ގޮން ޖެހުންތަކެއް އެބަ ހުރި ކަމަށެވެ. މިހެން ކަން ދިމާވެފައި ވަނީ މި ވަގުތު ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި އެ ފެސިލިޓީގައި ތިބި މީހުންނަށް ބަލި މީހުންނަށް ފަރުވާ ދީނުމަށް ފަހު އިތުރު މަސައްކަތް ކުރަން ވަގުތު ނުވާތީ ކަމަށެވެ.

މި ވަގުތުވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 188 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން އެ ފެސިލިޓީގެ އައިސީޔޫގައި 7 މހަކު އޮތް އިރު 4 މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.