ރާއްޖޭގައި މިވަގުތު ހަލުވިކަމާ އެކު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ ރައްކާތެރި ވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ހަރުކަށި ކުރާ ގޮތަށް ނިންމައިފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ކޮވިޑް ހާލަތުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށެވެ. ފިޔަވަޅުތައް އަޅާނީ މި މަހުގެ 26 އިން ކަމަށާއި ނަމަވެސް ކޮވިޑުން އަރައިގަތުމަށް ލޮކްޑައުން ކުރަން ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އަދަދު ދަނީ ދުވަހެއް ދުވަހެއް މައްޗަށެވެ. ބެކްލޮގާއެކު އިއްޔެ ރިޕޯޓް ކުރި ކޭސްގެ އަދަދު ވަނީ 1960 އަށް އަރާފައެވެ. މިހާތަނަށް މިމަހު ރިޕޯޓު ކުރި ޖުމްލަ ކޭސްގެ އަދަދުވެސް މިއުޅެނީ 24،530 ގައެވެ. ހަމައެއާއެކު މިވަގުތު ބަލި ޖެހިފައި ތިބި 22،421 މީހުންގެ ތެރެއިން 294 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ޕޮޒިޓިވްވާ އަދަދު ނޫނަސް މި ބަލީގައި މި މަހު މަރުވި މީހުންގެ އަދަދަކީ ވެސް ރެކޯޑެކެވެ. މި މަހު ޖުމްލަ 52 މީހަކު މި ބަލީގައި މަރުވެފައި ވާއިރު، މިއަދު ވަނީ 2 މީހަކު މި ބަލީގައި މަރުވެފައެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެފައ ވަނީ ވަނީ މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް 442 ދުވަސް ވެފައިވާ އިރު މި މަހުގެ ތެރޭގައި ކޮވިޑް ހާލަތުން މިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކޭސްތައް ގިނަވެ ފަރުވާ ދޭން ޖެހޭ މީހުން ގިނަވަމުން ދާތީ މި ވަގުތު ސިއްހީ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރަން ތިބި މީހުންގެ ކެޕޭސިޓީއަށް ނުފެތޭ ހިސާބަށް ހާލަތު މިވަނީ ގޮސްފައެވެ.

ކޮވިޑުން ރައްކާތެރި ވުމަށް ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ބުނެފައި ވާއިރު މާލޭގައި ކޮވިޑުން ރައްކާތެރި ވުމަށް މި މަހުގެ ކުރީކޮޅުވެސް ވަނީ ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގުމުގެ އިތުރުން ސްކޫލްތައް ބަންދު ކުރުމާއި ޖަމާއަތުގައި މިސްކިތް ތަކުގައި ނަމާދު ނުކުރާ ގޮތަށް ފިޔަވަޅުތަކެއް އަޅާފައެެވެ. އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް އާންމުން ވައްދައިގެން ހިދުމަތް ނުދިނުމާއި ޖިމްތަކާއި ސެލޫންތައް ވެސް ބަންދު ކުރަން ވަނީ އަންގާފައެވެ. މި ފިޔަވަޅުތައް އަޅާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކޭސްތައް 700 އިން މައްޗަށް ރިޕޯޓް ކުރަން ފެށުމުންނެވެ.