ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖެއާ ދުރުން ބަންގާޅުކަނޑުގައި ކޮޅިގަނޑު އުފެދިފައިވާ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ ތޫފާނަކަށްވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މި ކޮޅިގަނޑު ޖެހެމުން މި ދާނީ އުތުރުހުޅަނގު އުތުރަށް ރާއްޖެއާ ދުރަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ މިންވަރަށް ބޮޑަށް ސަމާލުވުމަށް އެދިފައެވެ.