މާލޭ ގެއެއްގެ ފަސްވަނަ ބުރިން ދިވެއްސަކު ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެ އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭއިރު ވެއްޓުނު ސަބަބު އަދި ސާފެއް ނުވެއެވެ.

ވެއްޓިފައިވަނީ މާފަންނު އިތާގޯޅިގައި ހުންނަ އެންދެރި ކުރި އިމާރާތުގެ 5 ވަނަ ބުރިން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީ މި އިމާރާތުގައި ކުއްޔަށް އުޅޭ މީހެކެވެ.

އެންދެރިކުރި ހުންނަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ދިރިއުޅުއްވާ އެންދެރިމާގެއާ ޖެހިގެންނެވެ. އެ ސަރަހައްދުގައި ސިފައިން އަބަދުވެސް ފޯރިމަރަމުން ދެއެވެ. އެ ވަގުތަކީވެސް ސިފައިން އެސަރަހައްދުގައި ފޯރިމަރަމުން ދިޔަ ވަގުތެއް ކަމުން އެމީހާ ވެއްޓުނު ވަގުތު ސިފައިން ވަނީ އެމީހާ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ އޭނާ ވެއްޓުނު ސަބަބު އަދި ސާފުނުވާ ކަމަށެވެ. މިއީ ރޭގައި ހިނގާފައި ވާ ހާދިސާއެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެއިންވެސް ޒަހަމްތަކަކާއެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ހުޅުމާލޭ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.