އަންނަ އަންގާރަ ދުވަހު މާލެ ފުރަބަންދު ކުރަން އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ދޮގު ކުރައްވައިފިއެވެ.

މަބްރޫކް މިހެން ވިދާޅުވީ، އޮންލައިން ނޫހަކުން ލިޔެފައި އޮތް އާޓީކަލްއަކާ ހަވާލާ ދެއްވަމުންނެވެ. އޭނާ ވިދާޅުވީ އަންނަ އަންގާރަ ދުވަހު މާލެ ފުރަބަންދު ކުރާ ގޮތަށް އަދި އެއްވެސް ކަމެއް ނިންމާފައި ނުވާ ކަމަށެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އަދަދު ދަނީ ދުވަހެއް ދުވަހެއް މައްޗަށެވެ. ބެކްލޮގާއެކު އިއްޔެ ރިޕޯޓް ކުރި ކޭސްގެ އަދަދު ވަނީ 2000 އިން މައްޗަށް ގޮސްފައެވެ. މިހާތަނަށް މިމަހު ރިޕޯޓުކުރި ޖުމްލަ ކޭސްގެ އަދަދުވެސް މިއުޅެނީ 20،970 ގައެވެ. ހަމައެއާއެކު މިވަގުތު ބަލި ޖެހިފައި ތިބި 20،000 މީހުންގެ ތެރއިން 280 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ޕޮޒިޓިވްވާ އަދަދު ނޫނަސް މި ބަލީގައި މި މަހު މަރުވި މީހުންގެ އަދަދަކީ ވެސް ރެކޯޑެކެވެ. މި މަހު ޖުމްލަ 46 މިހަކު މި ބަލީގައި މަރުވެފައި ވާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 5 މީހަކު ވަނީ މަރުވެފައެވެ. އެއީ ރޭ މަރުވި 93 އަހަރުގެ އަންހެނަކާއި 72 އަހަރުގެ ފިރިހެނެއްގެ އިތުރުން، މިއަދު މެންދުރު ފަހު މަރުވި 56 އަހަރުގެ ދިވެހި ފިރިހެނަކާއި ރޭ ފަތިހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި މިއަދު ހެނދުނު މަރުވި 77 އަހަރުގެ ދިވެހި އަންހެނެކެވެ. މި 5 މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.

އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ރާއްޖެއިން ފެނިފައި ވަނީ މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް 439 ދުވަސް ވެފައިވާ އިރު މި މަހުގެ ތެރޭގައި ކޮވިޑް ހާލަތުން މިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކޭސްތައް ގިނަވެ ފަރުވާ ދޭން ޖެހޭ މީހުން ގިނަވަމުންދާތީ މި ވަގުތު ސިއްހީ އެހީތެރިންގެ ގޮތުގައި މަސައްކަުރަން ތިބި މީހުންގެ ކެޕޭސިޓީއަށް ނުފެތޭ ހިސާބަށް ހާލަތު މިވަނީ ގޮސްފައެވެ.

މާލޭގައި މިހާރު ކޮވިޑުން ރައްކާތެރިވުމަށް އަލާފަިއވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގުމުގެ އިތުރުން ސްކޫލްތައް ބަނދުކުރުމާއި ޖަމާއަތުގައި މިސްކިތްތަކުގައި ނަމާދު ނުކުރުން ހިމެނެއެވެ. އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް އާންމުން ވައްދައިގެން ހިދުމަތް ނުދިނުމާއި ޖިމްތަކާއި ސެލޫންތައް ވެސް ބަނދުކުރަން ވަނީ އަންގާފައެވެ. މި ފިޔަވަޅުތައް އަޅާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކޭސްތައް 700 އިން މައްޗަށް ރިޕޯޓްކުރަން ފެށުމުންނެވެ.