ކޮވިޑް-19ގައި ރާއްޖެއިން އިތުރު ދިވެއްސަކު މަރުވެއްޖެއެވެ. މިއީ މިބަލީގައި ރާއްޖެއިން މަރުވި 120 ވަނަ މީހާއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ މީހާ މަރުވެފައި ވަނީ މިރޭ 7:46 ހާއިރު ކަމަށެވެ. އަދި އެއީ 57 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަަމަށް އެޗްޕީއޭއިން ބުނެއެވެ.
މި މަރަކީ މިއަދުގެ 4 ވަނަ މަރަށް ވީރު މި މީހާގެ އިތުރުން މިއަދު މަރުވެފައި ވަނީ މެންދުރު ފަހު މަރުވި 56 އަހަރުގެ ދިވެހި ފިރިހެނަކާއި ރޭ ފަތިހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި މިއަދު ހެނދުނު މަރުވި 77 އަހަރުގެ ދިވެހި އަންހެނެކެވެ. މި ތިން މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.
މި މަރާ އެކު ރާއްޖެއިން މި ބަލީގައި މަރުވި ދިވެހިންގެ އަދަދު މި ވަނީ 105 އަށް އަރާފައެވެ. މިހާތަނަށް މި ބަލީގައި މަރުވި 15 ބިދޭސީއަކާ އެކު މިހާރު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 120 އަށް އަރާފައެވެ. މިދިޔަ އަހަރު 51 މީހަކު މި ބަލީގައި މަރުވެފައި ވާއިރު މި އަހަރު މަރުވި މީހުންގެ އަދަދު މިހާރު މި ވަނީ 69 އަށް އަރާފައެވެ.
ކޮވިޑް ބަލި ރާއްޖެއިން ފުރަތަމަ ފެނުނުތާ 439 ދުވަސްވެފައިވާ އިރު މި މަހަކީ މި ބަލީގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓުކޮށް އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 47 އަށް އަރާފައެވެ. އަދި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެއް ކަމަށް ރިޕޯޓް ކޮށްފައިވާ ދުވަހަކީ 7 މަރާއެކު މިދިޔަ އަންގާރަ ދުވަހެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވުމާއި ކޮންޓެކްޓުން އިތުރުވުމާ ގުޅިގެން ރޭ އެޗްޕީއޭއިން ވަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އުސޫލަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ދެން ކޮންޓެކްޓް ޓްރޭސިން ހަދާނީ ހަމައެކަނި ހައި ރިސްކް މީހުންގެ އެކަނިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.