މި މަހުގެ 6 ވަނަ ދުވަހު މާޅޭގައި ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްތަކެއް ލިބިވަޑައިގެން މިހާރު ޖަރުމަނުން ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރައީސް ނަޝީދުގެ އާއިލާއިން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އެމަނިކުފާނު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އަދި ރާއްޖެއަށް ވަޑައިގަންނަވާނެ ތާރީހެއް ބުނެދޭން ނޭނގޭ ކަމަށް އާއިލާއިން ބުނެއެވެ.

އެމަނިކުފާނު ހޮސްޕިޓަލުން ޑިސްޗާޖްކޮށްފައިވާ އިރު، އަދި ވެސް ޗެކްއަޕް ހަދަން ހޮސްޕިޓަަލަށް ވަޑައިގަންނަވަން ޖެހޭތީ މަހެއްހާ ދުވަހު ޖަރުމަނުގައި މަޑުކުރައްވާނެއެވެ.

މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއިން ލިބުނު ޒަހަމްތަކަށް އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައި ވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް އާއްމުކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްކުރެވުނީ ހަމަ ކިރިޔާއެވެ.

އެއަށް ފަހު އިތުރު ފަރުވާއަށް އެމަނިކުފާނު ވަނީ މި މަހުގެ 13 ވަނަ ދުވަހު ޖަރުމަނަށް ވަޑައިގެންފައެވެ.

އެމަނިކުފާނު މިހާރު ގެންދަވަނީ ހަމަލާގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި ހާލަތާ ގުޅިގެން ސައިކޭޓަރިސްޓްގެ އެހީ ހޯއްދަވަމުންނެވެ. އެހެން ކަމުން އެ މަރުހަލާ ވެގެން ދާނީ ކުރިން ހުންނެވި ހާލަތަށް އަނބުރާ ރުޖޫއަވުމަށް ކުރެވޭ މަސައްކަތަށް ކަމަށެވެ.