ކޮވިޑް-19ގައި ރާއްޖެއިން އިތުރު ދިވެއްސަކު މަރުވެ، މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 119 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ މީހާ މަރުވެފައި ވަނީ މިއަދު މެންދުރު ފަހު 3:45 ހާއިރު ކަމަށެވެ. އަދި އެއީ 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަަމށް އެޗްޕީއޭއިން ބުނެއެވެ.

މި މަރާ އެކު ރާއްޖެއިން މި ބަލީގައި މަރުވި ދިވެހިންގެ އަދަދު މި ވަނީ 104 އަށް އަރާފައެވެ. މިހާތަނަށް މި ބަލީގައި މަރުވި 15 ބިދޭސީއަކާ އެކު މިހާރު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 119 އަށް އަރާފައެވެ.

ރޭ ފަތިހުވެސް ވަނީ މި ބަލީގައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައެވެ. ހަމައެއާއެކު މިއަދު ހެނދުނު 10:54 ގައި ވަނީ 77 އަހަރުގެ ދިވެހި އަންހެނެއް ވެސް ވަނީ މަރުވެފައެވެ. މި ދެމީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.

އިއްޔެ މި ބަލީގައި ހަތަރު މީހަކު މަރުވެފައި ވާއިރު ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ރާއްޖެއިން މަރުވެފައިވަނީ މި ހިނގާ މޭ މަހުއެވެ. މިމަހު މިހާތަނަށް 43 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ. އިއްޔެވެސް ވަނީ ކޮވިޑް ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވެފައެވެ. މިދިޔަ އަންގާރަ ދުވަހު ޖުމްލަ 7 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވުމާ ކޮންޓެކްޓުން އިތުރުވުމާ ގުޅިގެން މިރޭ އެޗްޕީއޭއިން ވަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އުސޫލަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ދެން ކޮންޓެކްޓް ޓްރޭސިން ހަދާނީ ހަމައެކަނި ހައި ރިސްކް މީހުންގެ އެކަނިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.