ކޮވިޑް ބަލީގައި އިތުރު މީހަކު ރާއްޖެއިން މަރުވެ، އަދަދު 114 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ މީހާއަކީ މިއަދު ހަވީރުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ގެންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު އިރުއޮއްސި 06:52 އެހާއިރު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު 114 އަށް އަރާފައި ވާއިރު، މިއީ މިއަދު މި ބަލީގައި މަރުވި ދެވަނަ މީހާއެވެ. މިބަލީގައި މިއަދު އެންމެ ފުރަތަމަ މަރުވީ ލ. ގަމުގައި ހުންނަ ލާމު ކޮވިޑް ފެސިލިޓީން ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭނާ މަރުވީ ރޭ މެންދަމު 2:00 ގައެވެ.
އެއީ އުމުރުން 36 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ފަހަކަށް އައިސް ރައްޖެއިން ފެންނަ ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
114 މީހަކު މަރުވެފައިވާއިރު، މިިދިޔަ އަހަަރު ކޮވިޑް ބަލީގައި މަރުވެފައި ވަނީ 51 މީހެކެވެ. އެހެން ކަމުން މިއަހަރު ތެރޭ މިއަދާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 62 އަށް އަރާފައެވެ. މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހަކީ ކޮވިޑް ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ރެކޯޑަކަށް ވެފައި ވާ މަހެކެވެ.
އިއްޔެ ކޮވީޑް ޖެހިގެން ވަނީ 7 މީހަކު މަރުވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މި ބަލީގައި މަރުވި ކަމަށް ރިޕޯޓް ކުރި ދުވަހެވެ. އިއްޔެ މަރުވި މީހުންގެ ތެރޭގައި އައިޖީއެމްއެޗް އީއާރަށް ގެންދިޔަ 62 އަހަރުގެ އަންހެންމީހާގެ އިތުރުން، ކުރީ ދުވަހުގެ ދަންވަރުން ފެށިގެން އިއްޔެގެ ހެނދުނާ ހަމައަށް އިތުރު 6 މީހަކު ވަނީ މަރުވެފައެވެ.
އެ 6 މީހުންނަކީ ލާމު ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 87 އަހަރުގެ ދިވެއްސަކާއި 69 އަހަރުގެ ދިވެއްސެކެވެ. އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުން ދަނިކޮށް މަރުވި 73 އަހަރުގެ ދިވެއްސަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 51 އަހަރުގެ ބިދޭސީއަކާ 63 އަހަރުގެ ދިވެއްސަކާއި 66 އަހަރުގެ ދިވެއްސެކެވެ.