ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމުން 415 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުަޖމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފުލުހުން މާލެ ސަރަހައްދުގައި ހިންގާ އިންސްޕެކްޝަންގެ ތެރެއިން މާސްކް ނާޅާ އުޅުނު 159 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ކާފިއު ހިންގާ ވަގުތު ބޭރުގައި އުޅެގެން 252 މީހުން ޖޫރިމަނާ ކޮށްފައި ވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ކެފޭ ރެސްޓޯރަންޓް ސެލޫން ފަދަ ތަންތަނުން އެ ވަގުތުތަކުގައި ހިދުމަތް ހޯދުމުގެ ސަބަބުން 4 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކާފިއު ވަގުތުގައި ބޭރުގައި އުޅުމާއި، ވެހިަކލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވުން އަދި މާސްކު ނާޅާ ބޭރުގައި އުޅުމުން ވެސް ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށް ފުލުހުން ބުނެއެވެ.

މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ. މީގެ އިތުރުން މިހާރު ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން "ޑައިން އިން" ހިދުމަތް ދިނުން ވެސް ހުއްތާލުމަށް ވަނީ އަންގާފައެވެ. އަދި ސެލޫން އާއި ޖމްތައް ވެސް ބަނދު ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މާލޭގާއި ކޭސްތައް އިތުރުވުމާއެކު ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.