ކޮވިޑް ބަލިމަޑުކަމުން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހައިދެމުން އަންނަ އިރު މި ވަގުތު ހުރި ވެކްސިންތަކުގެ ތެރޭގައި ސެންޓްރަލް ސްޓޮކްގައި ހުރި ބާކީ އަދަދުތައް އެޗްއީއޯސީން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު ވެކްސިންގެ ސެންޓްރަލް ސޮޓޮރޭޖްގައި ބާކީ ހުރީ ކޮވިޝީލްޑް ވެކްސިންގެ 910 ޑޯޒް އާއި ސިނޯޕާމް ވެކްސިންގެ 67،826 ޑޯޒް އާއި ފައިޒާ ވެކްސިންގެ 2840 ޑޯޒް ކަމަށެވެ.

އަންގާރަ ދުވަހު ކޮވިޝީލް ވެކްސިން މާލެ ސަރަހައްދުގައި ޖަހާފައި ނުވާ އިރު، ބަކީ މިވަގުތު ސްޓޮކް ގައި ހުރި ވެކްސިންގެ އިތުރަށް ރަށްރަށަށް ވެކްސިން ޖެހުމަށް ފޮނުވާފައިވާ ވެކްސިންގެ ތެރެއިން ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޯޒް ވަނީ 303 މީހުންނަށް ޖަހާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރިސޯޓް ތަކުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ވަނީ 100 މީހަކު ޖަހާފައެވެ. މީގެ އިތުރުން އިއްޔެ މާލެ ސަރަހައްދުގައި ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 107 މީހަކަށް ޖަހާފައެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުލޭ ރަށްރަށުގައި 96 މީހަކަށް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ވަނީ ޖަހާފައެވެ.

ސިނޯޕާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖުމްލަ 377 މީހަކަށް އިއްޔެ ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 150 މީހަކަށް، ރަށްރަށުން 200 މީހަކަށް އަދި ރިސޯޓުން 27 މީހަކެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖެހި މީހުންގެ އަދަދަކީ 1398 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 185 މީހަކަށް ރަށްރަށުން 877 މީހަކަށް އަދި ރިސޯޓްތަކުން 336 މހަކަށް ވަނީ ޖަހާފައެވެ.

ފައިޒާ ވެކްސިން ޖެހި މީހުންގެ ހިސާބުތަކަށް ބަލާ އިރު މާލެ ސަރަހައްދުގައި އެކަނި ޖަހައިދޭ މި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 98 މީހަކު ޖަހާފައެވެ. އަދި މި ވެކްސިންގެ ދެވަނަ ޑޯޒް ވަނީ 52 މީހަކު ޖަހާފައެވެ.

ކޮވިޝީލްޑްގެ ސްޓޮކް ހުސްވަމުން އަންނާތީ އެ ވެކްސިން ޖަހައިދިނުން މާލެ ސަރަހައްދުގައި މަޑުޖައްސާލާފައި އޮތުމަށް ފަހު މިހާރު ހުރި ސްޓޮކްގެ ބާކީ ޑޯޒްތަކުން އަންނަނީ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބަލި ހާލަތުގެ ސަބަބުން އެޑްމިޓް ކޮށްފައިވާ މީހުންނަށް މި ވެކްސިން ޖަހއިދެމުންނެވެ.