ކޮވިޑް ޖެހިގެން މިއަދު 7 ވަނަ މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މަރުވި 7 ވަނަ މީހާ އަކީ އަިޖީއެމްއެޗްގެ އީއާރަށް އެމަޖެންސީ ކޮށް ގެންދިޔަ އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ މިއަދު މެންދުރެވެ.

މި މަރާއެކު މިހާރު ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 112 އަށް ވަނީ އަރާފައެވެ.

މިިދިޔަ އަހަަރު ކޮވިޑް ބަލީގައި މަރުވެފައި ވަނީ 51 މީހެކެވެ. އެހެން ކަމުން މިއަހަރު ތެރޭ މިއަދާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 61 އަށް އަރާފައެވެ. މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހު މި ކޮވީޑް ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު މިހާރުވެސް މި ވަނީ ރެކޯޑަކަށް ވެފައެވެ.

މިއަދު މެންދުރު މަރުވި އަންހެންމީހާގެ އިތުރުން، ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާ ހަމައަށް އިތުރު 6 މީހަކު ވަނީ މަރުވެފައެވެ.

އެއީ ލާމު ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 87 އަހަރުގެ ދިވެއްސަކާއި 69 އަހަރުގެ ދިވެއްސެކެވެ. އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުން ދަނިކޮށް މަރުވި 73 އަހަރުގެ ދިވެއްސަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 51 އަހަރުގެ ބިދޭސީއަކާ 63 އަހަރުގެ ދިވެއްސަކާއި 66 އަހަރުގެ ދިވެއްސެކެވެ.