އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ކޮންޓްރޯލް އޮންނަ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ އޮފިޝަލުން، އެ ސްޓޭޓްގައި ހުންނަ ގަދީމީ މިސްކިތެއް ބިމާ ހަމަކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޣަރީބު ނަވާޒް އަލް-މައުރޫފް މޮސްކް އަކީ، ގާތްގަނޑަކަށް 100 ވަރަކަށް އަހަރުވެފައިވާ މިސްކިތެއް ކަމަށް ވާއިރު، މިސްކިތް ސުންނާފަތި ކޮށްލުމާ ގުޅިގެން، އިންޑިއާގެ އާބާދީގައި ބައިމަދު މުސްލިމުން ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ. އަދި މިމައްސަލަ ހައިކޯޓަށް ވައްދާނެ ކަމަށްވެސް ދަނީ ބުނަމުންނެވެ.

މިސްކިތް ބިމާ ހަމަކޮށްލީ މިދިޔަ ހޯމަ ދުވަހުއެވެ. ބަރަބަންކީ ޑިސްޓްރިކްޓްގައި ހުންނަ އެ މިސްކިތް ސުންނާފަތިކޮށްލީ، އެތައް ސަތޭކަ ފުލުހުންނެއް ވެގެން އެ ސަރައްދު ވަށާލާ، އާންމުންގެ އިތުރު ބަޔަކަށް އެ ސަރަހައްދަށް ނުވަދެވޭނެ ކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

ޣަރީބު ނަވާޒް އަލް-މައުރޫފް މިސްކިތް ސުންނާފަތި ކުރުމަށް ފަހު އިންޑިއާގެ އޮފިޝަލުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ / ފޮޓޯ: ސައީދު ފާރޫގު އަހުމަދު

ގާތްގަނޑަކަށް 220 މިލިއަނެއްހާ މީހުން ރަށްވެހިވެފައިވާ އުއްތަރަ ޕްރަދޭޝްގެ އާބާދީގެ 5 ބައިކުޅަ 1 ބަޔަކީ މުސްލިމުންނެވެ. 2017 ވަނަ އަހަރުން ފަށައިގެން މި ސްޓޭޓްގައި ވެރިކަން ކުރަމުން އަންނަނީ، ހިންދޫ ނޭޝަނަލިސްޓް ފިކުރުގެ ބީޖޭޕީއިންނެވެ. ވެރިއަކަށް ހުންނަނީ މުސްލިމުންނާ ދެކޮޅު ފާދިރީ، އަދިއްތިޔަނާތުއެވެ.

މިސްކިތްތަކާއި މުސްލިމުންގެ އެނޫންވެސް އެފަދަ ސެޓްތައް ބެލެހެއްޓުމާ ހަވާލު އުޅޭ އުއްތަރަ ޕްރަދޭޝް ސެންޓްރަލް ވަގުފް ބޯޑުން ވަނީ އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ހިންގި މި ޖަރީމާ ކުށްވެރި ކޮށްފައެވެ. އަދި މިކަން ކޮށްފައި ވަނީ، "ޣައިރު ގާނޫނީ ބިނާތައް" ސުންނާފަތި ކުރުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި، މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލުމަށް ނެރެފައިވާ ކޯޓު އަމުރަކާވެސް ހިލާފަށް ކަމަށް އެ ބޯޑުން ބުނެއެވެ.

ޣަރީބު ނަވާޒް އަލް-މައުރޫފް މިސްކިތުގައި މުސްލިމުން ނަމާދު ކުރާ މަންޒަރު ފެންނަ ފޮޓޯއެއް / ފޮޓޯ: ސައީދު ފާރޫގު އަހުމަދު

ބޯޑުގެ ޗެއާމަން، ޒުފަރު އަހުމަދު ފާރޫގީ ވިދާޅުވީ، މި އަމަލީ ޣައިރު ގާނޫނީ އަމަލެއް ކަމަށާ، މިއީ ބާރުގެ ނާޖައިޒު ފައިދާ ނެގުން ކަމަށެވެ. އަދި މިސްކިތް އަލުން އިޔާދަ ކުރުމަށް ހައި ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށާ، ޒިންމާ އުފުލަން ޖެހޭ އޮފިސަރުންނާ ދެކޮޅަށް މަތީ ފެންވަރުގެ ޝަރިއަތެއް ހިންގާނެ ކަމަށްވެސް އޭނާ ވަނީ އިންޒާރު ކުރައްވާފައެވެ.

އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑްގެ ޖެނެރަލް ސެކްރެޓަރީ ހާލިދު ސައިފުﷲ ރަހުމާނީ ވިދާޅުވީ، މިއީ ގާނޫނީ ހުއްޖަތެއް ދެއްކެން އޮތް އަމަލެއް ނޫން ކަމަށެވެ.

ޣަރީބު ނަވާޒް އަލް-މައުރޫފް މިސްކިތް ސުންނާފަތި ކުރުމަށް ފަހު އުކާލާފައި ވަނީ ކޯރަކަށް ކަމަށް އާންމުން ބުނޭ/ ފޮޓޯ: ސައީދު ފާރޫގު އަހުމަދު

ބައިނަލްއަގުވާމީ މީޑިއާއަށް މައުލޫމާތު ދެމުން، އެ ސަރަހައްދުގެ ރަށްވެއްސަކު ބުނީ، ފާއިތުވީ މަހެއްހާ ދުވަހު، އެ މިސްކިތުގައި ނަމާދު ކުރުން މަނާ ކޮށްފައި ވާ ކަމަށެވެ. ދުއްވާ އެއްޗިހީގެ ފްލޯއަށް ހުރަސް އެޅޭ ގޮތަށް، ޣައިރު ގާނޫނީ ގޮތެއްގައި އަޅާފައިވާ ދީނީ ބިނާތައް ސުންނާފަތި ކުރުމަށް އިންޑިއާގެ ހައިކޯޓުން ކުރި އަމުރަކާ ހަވާލާދީ، މާޗް 15 ދުވަހު، މިސްކިތުގެ ކޮމިޓީއަށް ނޯޓިސްއެއް ދީފައި ވާ ކަމަށް އެ މީހާ ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި، މިސްކިތް ހުރި ބިން ނަންބަރު ކަމަށް އިންޒާރުގައިވާ ނަންބަރަކީ، ހަގީގަތުގައި އެ މިސްކިތް ހުރި ބިމުގެ ނަންބަރު ނޫން ކަމަށެވެ. އަދި އެ މިސްކިތް ހުންނަނީ މަގާ 100 ފޫޓަށްވުރެވެސް ދުރުގައި ކަމުން، ދުއްވާ އެއްޗިއްސަށް އެއްވެސް ވަރެއްގެ ހުރަހެއްވެސް ނޯންނާނެ ކަމަށެވެ.

ކަން މިހެން އޮތްއިރު، ބަރަބަންކީ ޑިސްޓްރިކްޓްގެ މެޖިސްޓްރޭޓް، އަދަރްޝް ސިންހް ވިދާޅުވަނީ، އެއްވެސް މިސްކިތެއް ސުންނާފަތިކޮށްފައި ނުވާނެ ކަމަށެވެ.

ޣަރީބު ނަވާޒް އަލް-މައުރޫފް މިސްކިތް ސުންނާފަތި ކުރުމަށް ފަހު އުކާލާފައިވާ ގާތަކެއް / ފޮޓޯ: ސައީދު ފާރޫގު އަހުމަދު

ނަމަވެސް، އެ ސަރަހައްދުގެ ރައްޔިތުން ބުނާ ގޮތުގައި، މިސްކިތަށް ވަދެވެން އޮތް ދޮރު ބަންދުވާ ގޮތަށް، މާޗް 19 ވަނަ ދުވަހު، ފާރެއް ރޭނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެކަމާ ދެކޮޅު ހެދި މީހުންނަށް އަނިޔާކޮށް، ހައްޔަރުކުރި ކަމަށް ވެއެވެ. މުސްލިމުން ހިމޭން ކޮށްލުމަށްފަހު، ފުލުހުން އެ ސަރަހައްދު ވަށާލާ، ހޯމަ ދުވަހު، މިސްކިތް ސުންނާފަތި ކޮށްލީ ކަމަށް ބުނެއެވެ.

މިސްކިތް ހަލާކުކޮށްލުމަށްފަހު، އެ މިސްކިތުގެ ބައިތައް ކޯރަކަށް އުކާލާފައި ވާ ކަމަށްވެސް އެ ސަރަހައްދުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.

މިސްކިތް ސުންނާފަތި ކުރަމުން ދިޔައިރު އާންމުންގެ މީހަކު ކުޑަ ދޮރުވެސް ހުޅުވާ ނުލާ ކަމަށާ، އެއީ ބިރުން ކަމަށް އެސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނެފައި ވެއެވެ.

ބަރަބަންކީ ޑިސްޓްރިކްޓް އޮންނަނީ، 1992 ވަނަ އަހަރު، ހިންދޫން ސުންނާފަތި ކޮށްލި 16 ވަނަ ގަރުނުގެ މިސްކިތް ހުރި އަޔޯދާއާ އެންމެ 100 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ. ނޮވެންބަރު 2019ގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ބާބްރީ މިސްކިތް ހުރި ބިމަކީ، ހިންދޫންގެ ބިމެއް ކަމުގައި ކަނޑައަޅާފައެވެ.