މި ފަހަކަށް އައިސް ފަލަސްތީނުގެ ގައްޒާއާއި އިރުމަތީ ގުދުސްގައި، ޔަހޫދީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި އެއް އަޑަކަށް ވަނީ އަޑު ހިއްޕާލާފައެވެ. ނަމަވެސް، ދުނިޔޭގެ އެންމެ ބިޔަ ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ، އަވަށްޓެރި އިންޑިއާއިން އިވެމުން ދަނީ ތަފާތު އަޑެކެވެ. ފެންނަނީ ތަފާތު މަންޒަރެކެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބާރުތިޔާ ޖަނާތާ ބާޓީ (ބީޖޭޕީ)ގެ ސަޕޯޓަރުންނާއި އެކްޓިވިސްޓުންގެ ކިބައިން ފެނިގެންދަނީ، އިޒްރޭލަށް ތާއީދު ކުރާ މަންޒަރެވެ. ބޭރު ކުރަނީވެސް ތައުރީފުގެ ބަސްތަކެވެ. ސަނާކިއުން އިންތިހާއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ދިފާއު ހޯދުމުގެ ހައްގު، އިޒްރޭލަށް އޮތް ކަމަށް، އެމެރިކާއަށް ވުރެ ބާރަށް ގޮވަމުން ދަނީ އިންޑިއާގެ ހިންދޫ ނޭޝަނަލިސްޓުން ނުވަތަ ހިންދަތުވާއިންނޭ ދެންނެވުމަކުން ގޯހެއް ނެތެވެ.

ޔަހޫދީ އިޒްރޭލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ / ފޮޓޯ: ނިއުސްވީކް

ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާލި ކަމުގައި ވީ ނަމަވެސް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިންޑިއާއިން ޓްރެންޑް ވެގެން އައީ، "އައިސަޕޯޓްއިޒްރޭލް"، "އިންޑިއާވިތުއިޒްރޭލް" އަދި "އިޒްރޭލްއަންޑާފަޔާ" ފަދަ ހޭޝްޓެގްތަކެވެ. ފަލަސްތީނުގެ ރައްޔިތުންނާ މުހާތަބު ކުރަމުން ދަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. މިއީ މުސްލިމުންގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުގެ ރައުޔުވެސްމެއެވެ. ހޮނިހިރު ދުވަހު، އިންޑިއާއިން ޓްވިޓާގައި އެންމެ ގަދައަށް ވައިރަލް ކުރި ޓްރެންޑަކީވެސް "ޕަލަސްޓީންޓެރަރިސްޓްސް" މި ހޭޝްޓެގް ބޭނުންކޮށްގެން ކުރި ޓްވީޓްތަކެވެ.

ޓްވިޓާއާ އިންސްޓަގްރާމަށް ބަލާލި ކަމުގައި ވީ ނަމަވެސް، އިޒްރޭލާ އެއްކޮޅަށް އިންޑިއާއިން އެންމެ ހަރުކޮށް އަޑު އުފުލަނީ ބީޖޭޕީއާއި މޯދީގެ ސަޕޯޓަރުންކަން ފާހަގަ ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ނޫސްވެރިންނާ ގާނޫނީ ވަކީލުންވެސް ހިމެނެއެވެ.

ޔަހޫދީ އިޒްރޭލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ / ފޮޓޯ: ސީއެންއެން

މުސްލިމުންނާ ދެކޮޅަށް މޫލާފައިވާ ނަފުރަތުގެ ގިނި

އިޒްރޭލާ އެއްކޮޅަށް އެންމެ ގަވައިދުން ޓްވީޓް ކުރަމުން އަންނަ އެކަކީ، އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޗަންދިގަރުގެ ބީޖޭޕީ ތަރުޖަމާނު، ގޯރާލް ގޯއޭލްއެވެ.

މިފަދަ އެކައުންޓްތަކުން ކުރާ ޓްވީޓްތަކުގައި، އިޒްރޭލާ ދެކޮޅަށް އަޑު އުފުލާ އިންޑިއާގެ ރައްޔިތުންނަށްވެސް ފުރައްސާރަ ކޮށްފައި ހުރެއެވެ.

އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ރަނާ އައްޔޫބު ސިފަ ކުރި ގޮތުގައި، "އައި ސްޓޭންޑް ވިތު އިޒްރޭލް" ހޭޝްޓެގް ބޭނުން ކޮށްގެން ކޮށްފައިވާ ޓްވީޓްތައް ކޮށްފައިވާ އެކައުންޓަތަކީ، އެ ބައެއްގެ ގޮތުގައި މުސްލިމުންނާ މެދު ނަފުރަތުގެ މޫ ލާފައިވާ ބައެކެވެ. އަދި އެމީހުންނަކީ މުސްލިމުންގެ ލެޔަށް ފެން ބޮވައިގެންފައިވާ ބައެއް ކަމަށް ރަނާ ވަނީ ސިފަކޮށްފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށްވެ މަރުވި ފައިޒަންގެ އަޚެއް ކަމަށްވާ ނައީމު (ވ) އެ ވާހަކަތައް މިޑިއާއަށް ކިޔައިދެނީ/ފޮޓޯ: ބީބީސީ

ރަނާ ބުނާ ގޮތުގައި މިފަދަ އެކައުންޓަތަކީ، ބީޖޭޕީގެ މިނިސްޓަރެއް ނުވަތަ މިނިސްޓަރުންތަކެއް ނުވަތަ، ހުދު ބޮޑުވަޒީރު މޯދީވެސް ފޮލޯ ކުރާ އެކައުންޓްތަކެކެވެ.

ޑޭޓާ، ގަވާނަންސް އަދި އިންޓަނެޓްގެ ރޮނގުން ދިރާސާ ކުރަމުން އަންނަ ސްރިނިވާސް ކޮދާލީގެ ވާހަކަވެސް ހުރީ މިފަދަ ގޮތަކަށެވެ. އޭނާ ބުނާ ގޮތުގައި، ހިންދަތުވާއިންގެ ތެރެއިން، އިޒްރޭލަށް ތާއީދު ކުރާ މީހުންގެ ތެރޭގައި، މުސްލިމުން މަރާތީ އެކަމަށް ތާއީދު ކުރުމުގެ ގޮތުން އިޒްރޭލަށް އެއްބާރުލުން ދޭ ފެކްޝަނެއް އޮވެއެވެ.

ޔަހޫދީ އިޒްރޭލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ / ފޮޓޯ: ޑީއެންއޭއިންޑިއާ

އިންޑިއާއިން ފަލަސްތީނަށް "ކުރާ" ތާއީދު

މާޒީއަށް ބަލާއިރު، ފަލަސްތީނުގެ އަމިއްލަ ހައިސިއްޔަތަށް އެންމެ ފުރަތަމަ ވަކާލާތު ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އެއީ އިނގިރޭސިންގެ އިސްތިއުމާރީ ބާރުވެރިކަން ނިމުމަކަށް އައި ދުވަސްވަރުއެވެ.

އިންޑިއާއަކީ، އަރަބި ނޫން ގައުމަކަށް، ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ބަލައިގަތް ފުރަތަމަ ގައުމުވެސްމެއެވެ. 1975 ވަނަ އަހަރު، ޕީއެލްއޯގެ އޮފީހެއްވެސް ނިއު ދިއްލީގައި ހުޅުވިއެވެ.

އިންޑިއާގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި ސިފަކުރަމުން އަންނަ މަހާތަމާ ގާންދީ ވިދާޅުވެފައި ވާ ގޮތުގައި، "ފަލަސްތީނު ނިސްބަތް ވަނީ އަރަބީންނަށެވެ. އިނގިރޭސިންނަށް އިންގްލަންޑް އަދި ފަރަންސޭސިންނަށް ފްރާންސް ނިސްބަތް ވާ ފަދައިންނެވެ."

އިންޑިއާ އަދި ފަލަސްތީނުގެ ދިދަ ހިފައިގެން ތިބި ޒުވާނުންތަކެއް / ފައިލް ފޮޓޯ: ކޯރާ

އިންޑިއާއިން އިޒްރޭލު ބަލައިގަތީ 1950 ގައެވެ. ނަމަވެސް ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން، އިންޑިއާއާއި އިޒްރޭލުގެ ގުޅުން ދިޔައީ ބަދަހިވެ "ފައްކާވަމުން" ނެވެ. ގުޅުމުގެ ފާލަމަކަށް ވީ، "ދިފާއީ" ކަންކަމެވެ. އިޒްރޭލުން އެކްސްޕޯޓްކުރާ ދިފާއީ އުފެއްދުންތަކުގެ އެންމެ ބޮޑު ބައެއް ގަންނަނީ އިންޑިއާއިންނެވެ. 46 ޕަސެންޓަކީ އިންޑިއާއިން ގަންނަ ބައެވެ.

ވަކިން ހާއްސަކޮށް، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ވެރިކަމަށް ފެށުމަފަހު، "އިންޑިއާ-އިޒްރޭލު"ގެ ބަދަހިކަން ދިޔައީ ގަދަވަމުންނެވެ. މޯދީ ގަބޫލު ކުރައްވާ ގޮތުގައި ނަތަންޔާހޫ އަކީ "އެކުވެރިއެކެވެ". މޯދީއަކީ، އިޒްރޭލަށް ވަޑައިގެންނެވި، އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރުވެސް މެއެވެ.

ޔަހޫދީ އިޒްރޭލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ / ފޮޓޯ: ދަވަޔާ

ކަން މިހެން އޮތް އިރު، ބައިނަލްއަގުވާމީ މުޖުތަމައަށް ފެންނަން އޮންނަ ޕޯޑިއަމްތަކުގައި ފަލަސްތީނާ އެއްކޮޅަށްވެސް އިންޑިއާއިން ވަކާލާތު ކުރާތީ ފެނެއެވެ. ވަކިވެފައިވާ މިނިވަން 2 ދައުލަތް އުފެދުމަށް އިންޑިއާއިން ތާއީދު ކުރާ ކަމަށް އެ ގައުމުން އދގައި ބުނެއެވެ. ނަމަވެސް، މިފަދަ ޕޯޑިއަމްތަކުގައި އިންޑިއާއިން "ކުޅެމުންދާ ޑްރާމާތައް" ބަލައިގަންނަ މީހުން މަދެވެ. ފާޑުކިއާ މީހުން ގިނައެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، އިންޑިއާގެ ރައުޔު ބައްޓަން ކުރަނީ އެމީހުންގެ ދީނީ އަދި ސަގާފީ ގަބޫލުކުރުންތަކުގެ ތެރެއިން، މުސްލިމުންނާ މެދު އޮތް ނަފުރަތު ނޫން ދެވަނަ ދެކަމެއް ނޫންކަން ސާފުވެއެވެ. އިޒްރޭލުގެ އުދުވާނުގެ ހަބަރުތައް ގެނެސްދިނުމުގެ ތެރެއިން، މުސްލިމުންގެ މުގައްދަސް، މަސްޖިދު އަލް-ނަބަވީއަށް ގެއްލުންދޭ މަންޒަރު ފެންނަ އިހުތިރާމް ކުޑަކުރަނިވި އެނިމޭޝަނެއްވެސް އިންޑިއާގެ މީޑިއާއަކުން ވަނީ ފެނިގެން ގޮސްފައެވެ. މިފަދަ ކަންކަމަކީ، އިންޑިއާއިން އޮޅުވާލަން މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް، ލޮލަށް ފެނި، އަތުން ހިފެން ހުރި ހެކިތަކެކެވެ.