ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކުރި ސީނޯފާމް ވެކްސިންގެ ކާމިޔާބީއާ މެދު ސުވާލުތަކެއް އުފެދުމުގެ ސަބަބުން، މި ވެކްސިން 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންނަށް 3 ވަނަ ޑޯޒްއެއް ދިނުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ނިންމައިފިއެވެ.

ސީނޯފާމް ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް ޔޫއޭއިން ހިންގި ވެކްސިން ކެމްޕޭންގެ މައިމުލުގައި އޮތް ވެކްސިނެވެ.

ޔޫއޭއީގެ ނޭޝަނަލް އެމާޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނީ، ސީނޯފާމްގެ 2 ވަނަ ޑޯޒް ފުރިހަމަ ކޮށް، 6 ދުވަސް ފާއިތުވެފައިވާ މީހުންނަށް އިތުރު ޑޯޒްއެއް ލިބޭނެ ކަމަށެވެ.

ޗައިނާގެ ސީނޯފާމް ގުރޫޕުން ތަރައްގީ ކުރި ކޮވިޑްވެކްސިނަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރުހުން ދިނީ މިމަހުއެވެ. ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި، ސީނޯފާމް ވެކްސިނަކީ ކޮވިޑް ޖެހި ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހޭ މިންވަރު، 79 ޕަސެންޓް ކުޑަކޮށްދޭ ވެކްސިނެއް ކަމަށެވެ.

ޗައިނާގެ ސީނޯފާމް ގުރޫޕުން ތަރައްގީ ކުރި ކޮވިޑްވެކްސިން / ފޮޓޯ: ސީޖީޓީއެން

ނަމަވެސް، މި ވެކްސިންގެ އެހީގައި، ކޮވިޑްގެ ބަލިހާލަތު އިތުރަށް ސީރިއަސް ނުވާނެ ކަމާ މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމާ، އިތުރު މީހުން އިންފެކްޓް ނުވުމާ މެދުވެސް ސުވާލުތަކެއް ވަނީ އުފެދިފައެވެ. ސީނޯފާމް ވެކްސިނަކީ 2 ޑޯޒްގެ މައްޗަށް އެކުލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ވެކްސިނެކެވެ.

ސީނޯފާމްގެ 2 ޑޯޒް ޖެހުމަށް ފަހުގައިވެސް ހަށިގަނޑުގެ ދިފާއީ ނިޒާމުގައި އެންޓިބޮޑީޒް އުފައްދާފައި ނުވާ ބައެއް މީހުންނަށް، ޔޫއޭއީއިން މިހާރުވެސް ވަނީ ސީނޯފާމްގެ 3 ވަނަ ޑޯޒްއެއް ނުވަތަ ބޫސްޓާ ޑޯޒްއެއް ޖަހާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކޮށްފައިވާ އެހެން ބްރޭންޑްތަކުންވެސް މިހާރު މަސައްކަތް ކުރަމުން ދަނީ، ބޫސްޓާ ޑޯޒްތައް ތަރައްގީ ކުރުމަށެވެ. ނަމަވެސް، މިއީ ކޮންމެހެން ބޭނުންވާނެ ޑޯޒްއެއް ކަން ނުވަތަ ނޫންކަން، ސައެންސްގެ އަލީގައި އަދި ކަނޑައަޅާފައެއް ނުވެއެވެ.

ސީޝެލްސްއަކީވެސް ފުޅާ ދާއިރާއެއްގައި ސީނޯފާމް ކޮވިޑް ވެކްސިން ބޭނުން ކުރަމުން އަންނަ ގައުމެކެވެ. އެ ގައުމުގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް ސީނޯފާމް ވެކްސިންގެ ޑޯޒްތައް ޖަހާފައި ވީ ނަމަވެސް، ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސީޝެލްސްއަށް ދަނީ ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. ސީނޯފާމްގެ ކޮވިޑް ވެކްސިނާ މެދު އެންމެ ބޮޑު ސުވާލެއް އުފެދުނު ސަބަބަކީވެސް މިއީއެވެ.