ޔަހޫދީ އިޒްރޭލުން ގައްޒާ، ހުޅަނގު އައްސޭރި އަދި ގުދުސްގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކޮށްދިނުމަށް އެދިވަޑައިގެން، ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް-މާލިކީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ގެ ޕްރޮސެކިއުޓާޒް އޮފީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ނެދަލަންޑްސްގައި ހުންނަ ފަލަސްތީނުގެ މިޝަންއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އަލް-މާލިކީ ސިޓީ، އައިސީސީގެ ޕްރޮސެކިއުޓާޒް އޮފީހަށް ގެންގޮސްދެއްވީ، އެ ގައުމުގައި ހުންނަވާ ފަލަސްތީނުގެ ސަފީރު، ރަވާން ސުލައިމާންގެ އަމިއްލަ އަތްޕުޅުން ކަމަށެވެ.

ޝައިހު ޖައްރާ އަދި ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ، އިންސާނިއްޔަތާ ދެކޮޅު އުދުވާންތަކުގެ ތަހުގީގު ހިންގާ، އެކަންކަމަށް އިޒްރޭލު ޖަވާބުދާރީ ކުރުވުމަށްވެސް މި ސިޓީގައި ފަލަސްތީނުން ވަނީ އެދިފައެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކުގެ އެންމެ ފަހުގެ ތަފްސީލުތައް، އަބަދުމެހެން އައިސީސީއާ ހިއްސާ ކުރަމުން ދާ ކަމަށް ފަލަސްތީނުން ބުނެއެވެ. ނަމަވެސް، ހުޅަނގުގެ ބޮޑު ކޮންޓްރޯލެއް އޮންނަށް، ހައްގުތަކަށް ވަކާލާތު ކުރާ އިދާރާތާ، އަދުލަށް މަސައްކަތް ކުރާ ކޯޓުތަކުން، ފަލަސްތީނުގެ ދިފާއުގައި މާ ބޮޑު ކަމެއް ކުރާތީ ނުފެނެއެވެ.

މެއި 10، 2021 އިން ފަށައިގެން އިޒްރޭލުން މި ފަހުން ދޭން ފެށި އުދުވާންތަކުގައި، ގައްޒާއިން އެކަނިވެސް 217 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި 63 ކުޑަކުދިން ހިމެނެއެވެ. ޒަހަމްވީ މީހުންގެ އަދަދު 1500 އަށް އަރާއިރު، ބައި ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައި ވާކަމަށް، އަލްޖަޒީރާގެ ރެކޯޑްތަކުން ދައްކައެވެ.