ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު އެހެން ވިދާޅުވެފައިވަނީ ސިޓީ ކައުންސިލުން ފާސް ކުރި ކަންތައްތަކުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން ފާސްވި ކަންތައްތަކުގެ ތެރޭގައި ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ މަގުޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން އެކުލަވާލައި ދަފްތަރުގައި ޖެއްސުމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރެވެން ދެން ދަފްތަރުގައި ޖެއްސުން މެނދުކަނޑާލަން ނިންމާފައިވާ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިހާރު ދަފްތަރުގައި ޖެހިފާ ތިބި މީހުންގެ ތެރެއިން ފްލެޓު ލިބުނު މީހުންނާ، ނުލިބި ތިބި މީހުން ދެނެގަނެ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ދަފްތަރުގައި ޖެހޭ އުސޫލަކީ އެންމެ ރަނގަޅު އުސޫލެއްތޯ ބަލާ، އެ މަގުސަދު ހާސިލު ކުރުމުގައި އެންމެ ރަނގަޅު އުސޫލެއްތޯ ބަލާ ގާނޫނެއް ނަމަ، ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް، އެކަންކަން ކުރެވޭނެ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.