ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާތީ މި ވަގުތު މާބަނޑު މީހުން ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓާ ކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެޗްޕީއޭއިން ފައިޒާ ވެކްސިން ދޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ މީހުންނަަށް ކަމަށް ބުނެފައި ވެއެވެ. އަދި ވެކްސިން ކުރިއަށް ގެންދާނީ މިހާރު ބާކީ ހުރި ވެކްސިންގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކުރެވޭ އަދަދަށް ވެކްސިން ބެހެއްޓުމަށް ފަހު ކަމަށް ވެސް އެ އެޖެންސީން ބުނެފައި ވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ހިމެނޭ އަދަދު ދަނީ އިތުރުވަމުންނެވެ. މި ވަގުތުވެސް 50 މީހަކަަށް ބަލި ޖެހިފައި ވާއިރު އެކަކުގެ ހާލު ސީރިއަސް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރަށް ލައިގެންނެވެ.

މީގެ ކުރިން ފައިޒާ ވެކްސިން ދެމުން ދިޔައީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަންޏެވެ. އަދި މި ވެކްސިން ޖަހައިދެުން ދަނީ ހަމައެކަނި މާލެ ސަރަހައްދުގައެވެ. އެއީ އެ ވެކްސިންއަކީ ވަކި ފިނި މިނެއްގައި ބަހައްޓަން ޖެހޭ ވެކްސިންއަކަށް ވާތީ ކަމަށް އެވްޕީއޭއިން ބުނެފައި ވެއެވެ.