މި ފަހުގެ ތާރީހުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާންތަކުގެ ތެރޭގައި ގުނާލެވޭ ތޫފާން "ތައުކްޓޭ"، އަވަށްޓެރި އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތަށް އަރައިފިއެވެ.

ގަޑިއަކު ގާތްގަނޑަކަށް 160 ކިލޯމީޓަރު ބާރު މިނުގައި ޖެހެމުން ދިޔަ ގަދަ ވަޔާއެކު އިންޑިއާއަށް އެރި މި ތޫފާނުގައި، މިހާތަނަށް 16 މީހެއްގެ ފުރާނަ ގެއްލި ފައިވާ ކަމަށް ހަބަރު ލިބެއެވެ.

މި ތޫފާނުގައި، ގަޑިއަކު 185 ކިލޯމީޓަރު ބާރު މިނުގައިވެސް ވައި ޖެހުނު ކަމަށާ، ތޫފާނުގައި، ކަނޑުގެ ބާނިތައް، 4 މީޓަރަށް އުފުލުމުގެ ނުރައްކާ އޮތް ކަމަށްވެސް އިންޑިއާގެ މޫސުމާ ބެހޭ ބިއުރޯއިން ވަނީ ހާމަކޮށްފައެވެ.

ތޫފާން ތައުކްޓޭ، އިންޑިއާއަށް އަރާފައި ވަނީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ / ފޮޓޯ: ޓްވިޓާ

އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ދަނީ، ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބާރުގަދަ ތޫފާނެއްގެ ގޮތުގައި ސިފަކުރަމުން އައި ތޫފާން "ތައުކްޓޭ"، އިންޑިއާއަށް އަރާފައި ވާ މި ދަނޑިވަޅަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތޫފާނަކާވެސް އެ ގައުމުން ކުރިމަތިލަމުން އަންނަ ދަނޑިވަޅެކެވެ.

ވިޔަފާރި މަރުކަޒީ ރަށް، މުންބާއީއިން ނައްތާ، ގުޖުރާތަށް މި ތޫފާން އަރާފައި ވަނީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި މި ތޫފާނުގެ ބާރު، މިހާރު ކޮންމެވެސް ވަރަކަށް މަޑުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ތޫފާން ތައުކްޓޭގެ ސަބަބުން މަސްވެރިން މަހަށް ނުފުރުމަށް ގޮވާލާ، އިންޑިއާގެ އެމާޖެންސީ ރެސްޕޯންސް ޓީމުގެ މެންބަރަކު އިންޒާރު ދެނީ / ފޮޓޯ: ރޮއިޓާޒް

ތޫފާން "ތައުކްޓޭ" އަކީ 1998 ވަނަ އަހަރަށް ފަހު، މި ސަރަހައްދަށް ކުރިމަތިވި އެންމެ ވަރުގަދަ ތޫފާނެވެ. އެހެންކަމުން، ފާއިތުވީ ދުވަސްތަކުގައި، މަހާރާޝްތުރާއާ ގުޖުރާތު ވަނީ އެންމެ މަތީ ފަންތީގެ އެލާޓަށް ލާފައެވެ.

ތޫފާން "ތައުކްޓޭ" އެރުމުގެ ކުރިން، އަރަބި ކަނޑަށް ބެހިގެން ދިޔަ ބާޖެއްގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، އެތައް ސަތޭކަ ބަޔަކު، ރައްކާތެރި ހިސާބުތަކަށްވެސް ވަނީ ބަދަލު ކޮށްފައެވެ.