ދުނިޔޭގެ އެކި ކަންކޮޅުތަކުން، ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ ސަމާލުކަން ހުއްޓުނު "މޯލްޑިވް ގައްޒާ" ކެފޭ، އިޒްރޭލުގެ އުދުވާންތަކުގައި ސުންނާފަތިކޮށް، ބިމާ ހަމަކޮށްލައިފިއެވެ.

ދިވެހިރާއްޖެއަކީ ގައްޒާގެ ރައްޔިތުންގެ ހިތްތަކުގައިވެސް ހާއްސާ މަގާމެއް ދެވިފައި އޮންނަ ގައުމަކަށް ވެފައި، ރާއްޖޭގެ ހިތްގައިމުކަން ފަލަސްތީނަށް ގެނެސްދިނުމުގެ ގޮތުން މިދިޔަ އަހަރު ހުޅުވި "މޯލްޑިވް ގައްޒާ" ކެފޭ ބިމާ ހަމަކޮށްލީ އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކުގެ ތެރޭގައެވެ.

ދިފާއަށް ކަމަށް ބުނެ އިޒްރޭލުން ދެމުންދާ އުދުވާންތަކުގައި "މޯލްޑިވް ގައްޒާ" ބިމާ ހަމަކޮށްލި ކަމުގައި ވީ ނަމަވެސް، ތާ އަބަދުމެ ދެގޮތެއް ނުވެ ފަލަސްތީނުގެ ދިފާއަށް ތެދުވާ ދިވެހިންގެ ދީލަތި އެހީ، ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ލިބެމުން ދާ ކަމީ، ކޮންމެވެސް ވަރެއްގެ ތަސައްލީއެއް، ދިވެހިންގެ ހިތްތަކަށް ލިއްބައިދޭ ކަމެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އަހުންނާ އުހުތުންނަށް އެހީ ފޯރުކޮށްދިނުމަށް ހިންގާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ތެރެއިން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިން ކުރަމުން ދާ ދީލަތި ހަދިޔާގެ އެހީތައް މިހާރުވެސް ގައްޒާގެ ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.

ދިވެހިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެނީ / ފޮޓޯ: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

އިންޓަނޭޝަނަލް އެއިޑް ކެމްޕޭންއިން ހާމަކުރާ ގޮތުގައި، ސުންނާފަތިވެފައިވާ ގައްޒާގައި މަގުމަތިވެފައިވާ މީހުންނަށް ދިވެހިންގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. އަލްޝާތީ ރެފިއުޖީ ކޭމްޕަށް، ކާބޯތަކެތީގެ 200 ޕެކް ބަހާފައި ވާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ހާމަކޮށްފައިވެއެވެ.

އިޒްރޭލުން ފަތިފައްޗަށް ބޮން އަޅަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ފަލަސްތީނުގައި މިވަގުތު އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ދިވެހި މެންބަރުން ދަނީ، ނުހަނު ލޯތްބާއެކު ދިވެހި ރައްޔިތުން ފަލަސްތީނަށް ވެދެމުންދާ ދީލަތި އެހީ، އިހުލާސްތެރިކަމާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

ދިވެހިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެނީ / ފޮޓޯ: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ހަލާކުވެ ވަންނާނެ ތަނެއް، ކާނެބޯނެ އެއްޗެއް ނެތި މަގުމަތިވެފައި ތިބި ފަލަސްތީނުގެ އާއިލާތަކަށް އެހީފޯރުކޮށްދިނުމުގެ މަސައްކަތް، މިހާރުވެސް ދަނީ ކުރިއަށެވެ.

ޝައްވާލު މަހުގެ 6 ރޯދަ ނިމެންދެން ލޯތްބާއިއެކު 2021 އަށް އެހީ ފޮނުވުމުގެ އިންތިޒާމް، އެ ކެމްޕޭނުން ވަނީ ހަމަޖައްސާފައެވެ.