ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި، އިންޑިއާގެ ވެރިރަށް ނިއުދިއްލީ އޮތީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އުއްމީދީ މަޝްރޫއެއް ކަމަށްވާ ސެންޓްރަލް ވިސްޓާ ރީޑިވަލޮޕްމަންޓް މަޝްރޫއު ފިޔަވައެވެ.

2.8 ބިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫއުގެ މަސައްކަތް، ދިއްލީގެ އެންމެ މުހިންމު ހިސާބުގައި މިހާރުވެސް ވަނީ ފަށާފައެވެ. މި މަޝްރޫއު ނިމޭއިރު، ތިނެސްކަން ބައްޓަމަށް ފަރުމާކޮށްފައިވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އާ އިދާރާއާ، ބޮޑުވަޒީރާއި ނައިބު ރައީސް ދިރިއުޅުއްވާނެ ރެސިޑެންޝަލް ކޮމްޕްލެކްސްއެއް ހިމެނޭނެއެވެ. މީގެ އިތުރުން، ސަރުކާރުގެ އެކި މަސައްކަތްތަކާ، ސަލާމަތާ ބެހޭ ކަންކަން ހިންގާނެ އިމާރާތްތައްވެސް މި ސަރަހައްދުގައި ހިމެނޭނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އުއްމީދީ ސެންޓްރަލް ވިސްޓާ މަޝްރޫއުގެ ކުރެހުމެއް / ފޮޓޯ: ޑީއެންއޭ އިންޑިއާ

ސެންޓްރަލް ވިސްޓާ ރީޑިވަލޮޕްމަންޓް މަޝްރޫއަކީ، 3.2 ކިލޯމީޓަރަށް ފެތުރިފައިވާ، ތަރައްގީގެ މަޝްރޫއެކެވެ. ރައިސީނާ ހިލްސްއާއި އިންޑިއާ ގޭޓާ ދެމެދު އޮތް ސަރަހައްދުގައި ކުރިއަށް ގެންދާ މި މަޝްރޫއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް މޯދީއަށް އަމާޒުވެއެވެ. ނަމަވެސް، އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ، މިއީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ "އަސާސީ ހިދުމަތެއް"ގެ ގޮތުގައި ކަނޑައަޅާފައެވެ.

ކަން މިހެން އޮތް ނަމަވެސް، ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ ހައްސާސީ ދަނޑިވަޅުގައި، މިމަޝްރޫއައިގެން ކުރިއަށް ދިއުމާ މެދު، އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިއާގެ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރަކު ސޮއި ކުރައްވާފައިވާ ސިޓީއެއްވެސް މޯދީއަށް ވަނީ އަރުވަފައެވެ. ކޮންގްރެސްގެ ރައީސާ ސޯނިއާ ގާންދީއާއި ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމާތާ ބެނާރްޖީ ސޮއިކުރައްވާ، މޯދީއަށް ފޮނުއްވި ސިޓީއަކީ، ސެންޓްރަލް ވިސްޓާ ރީޑިވަލޮޕްމަންޓް މަޝްރޫއު ހުއްޓާލުމަށް ފަހު، އޮކްސިޖަންއާއި ވެކްސިނަށް އެ ފައިސާ ހަރަދު ކުރުމަށް ގޮވާލާ ސިޓީއެކެވެ.

އިންޑިއާގެ ހުރިހާ ހިސާބަކުން ހެން ފެންނަނީ އޮކްސިޖަން ނުލިބުމުގެ ހިތްދަތި ކަމާ މާޔޫސްކަން / ފޮޓޯ: ރޮއިޓާޒް

މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފަންނުތަކަށް ނިސްބަތްވާ 76 މީހަކުވެސް ވަނީ މިފަދަ ސިޓީއެއް މޯދީއަށް ފޮނުވާފައެވެ.

މި ހުރިހާ ސިޓީއެއްގައި ހުރި ހުރިހާ ވާހަކައަކަށް މޯދީގެ ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ. އިންޑިއާގެ އާބަން އެފެއާޒް މިނިސްޓަރު، ހަރްދީޕު ސިންހް ޕޫރީ ވިދާޅުވަނީ، ސެންޓްރަލް ވިސްޓާ ރީޑިވަލޮޕްމަންޓް މަޝްރޫއަށް ހަރަދު ކުރާ ވަރުގެ ދެގުނަ، ކޮވިޑް-19 ވެކްސިން މަޝްރޫއަށް ހަރަދުކޮށްފައި ވާނެ ކަމަށެވެ.

ކަން މިހެން އޮތް އިރު، އިތުރު ބިރުވެރިކަމެއްގެ ރަނގަބީލު ދަނީ އަޅަމުންނެވެ. ސެންޓްރަލް ވިސްޓާ ރީޑިވަލޮޕްމަންޓް މަޝްރޫއު ހިނގާ ސަރަހައްދާ އެންމެ 7 ކިލޯމީޓަރު ދުރުން އޮތީ ޔަމުނާ ހާދަރޭ ކިއުނު ފަގީރު އަވަށެކެވެ. ޔަމުނާ ކޯރުގެ އައްސޭރީ ފަށުގައި އޮތް އިންތިހާ ފަގީރު ޖިފުޓި އަވަށެކެވެ.

އިންޑިއާގެ ޔަމުނާ ހާދަރު ފަގީރު އަވަށުގެ ޖިފުޓިތަކެއް / ފޮޓޯ: ރެޑިޓް

އުމުރުން 49 އަހަރުގެ އަޝޯކް، އޭނާގެ ޖިފުޓީގެ ބޭރުގައި މަޑުކޮށްލައިގެން އިންނައިރު ފެންނަމުން ދަނީ، ސެންޓްރަލް ވިސްޓާ މަޝްރޫއު ހިންގާ ސަރަހައްދުން ނަގައިގެން އަންނަ ޗަކަތައް، އެމީހުންގެ ޖިފުޓިތަކުގެ ކުރިމައްޗަށް އޮއްސާލާ މަންޒަރެވެ.

މިކަމެއް ހިނގާތާ މަސްތަކެއް ވެއްޖެއެވެ. ޖިފުޓިތަކުގައި އުޅޭ މީހުން ބުނާ ގޮތުގައި، އެ ސަރަހައްދު ދޫކޮށް ދިއުމަށް، ޗަކައަޅާ އޮފިޝަލުން ވަނީ އެމީހުންނަށް އަންގާފައެވެ. ބައެއް މީހުން ބުނާ ގޮތުގައި، އެކަން ކުރުމަށް، ފުލުހުން އެމީހުންނަށް ބިރުވެސް ދައްކައެވެ.

"ހޮސްޕިޓަލަށް ދާންވެސް ބިރުގަނޭ. ގޮއްސަ އަންނައިރު، އަހަރެންނަށް މި ހިޔާވަހިކަން ގެއްލިދާނެ" ކެއްސަމުން ދިޔަ އަޝޯކް ބުންޏެވެ.

ކޮވިޑް-19ގެ ތޫފާނަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާގެ އޮކްސިޖަން ކިއުއެއް / ފޮޓޯ: ފްރާންސް24

އަޝޯކް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނޭވާލާން އެހާ ދައްޗެވެ. އޭނާގެ ދަރިފުޅު މީނާ ދަނީ، އޮކްސިޖަން ސިލިންޑަރެއް ހޯދާނެ ގޮތެއް ނޫނީ ހޮސްޕިޓަލުން އެނދެއް ލިބޭތޯ ބަލަމުންނެވެ.

"ބައްޕަ ހުން ވިހެނުލާ އަންނަތާ މިހާރު ކިތަންމެ ދުވަހެއް. ހޮސްޕިޓަލެއް ހޯދާ ހޯދާ ވަރުބަލިވެއްޖެ. އޮކްސިޖަން ލިބޭ އެނދޭ ހުރި ހޮސްޕިޓަލެއް ނެތް" މީނާ ބުންޏެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް އޮކްސިޖަން ސަޕްލައި ނުލިބުމުގެ މައްސަލަ ވަނީ ބޮޑު ވެފަ / ފޮޓޯ: ނިއުސްލޯންޑްރީ

ޔަމުނާ ހާދަރުގެ އިތުރު ރަށްވެއްސެއް ކަމަށްވާ ރޫޕަމް ކުމާރީއަކީ ކޮވިޑް ޖެހި، ދާދިފަހުން ޝިފާ ލިބި، ރަނގަޅުވި މީހެކެވެ. ރޫޕަމް ބުނާ ގޮތުގައި، ވިއްސާރަވެއްޖެ ނަމަ، އެމީހުންގެ ގެތަށް، އަޑިއަށް ގަނބައިގަންނާނެއެވެ.

އާންމުންގެ ދިރިއުޅުން ކޮންމެ ގޮތަކަށް ހުރި ކަމުގައި ވީ ނަމަވެސް، މޯދީގެ ސަރުކާރުގެ އަމާޒު އޮތީ ކުރިއަށެވެ. އަމާޒަކީ ނޮވެމްބަރު 2022 އަށް، މަޖިލީހުގެ އާ އިދާރާގެ މަސައްކަތް ނިންމާލުމެވެ. އޭގެ މަހެއް ފަހުން ބޮޑުވަޒީރު ގެކޮޅުގެ މަސައްކަތް ނިންމާއިރު، ސެންޓްރަލް ވިސްޓާ ރީޑިވަލޮޕްމަންޓް މަޝްރޫއު މުޅިން ނިންމާލަން އަމާޒު ހިފާފައި ވަނީ 2026 އަށެވެ.