ފަލަސްތީނަށް އަމާޒުކުރަމުން އުދުވާނީ ހަމަލާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޑު އުފުލަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އެ ހަމަލާތަކައިގެން އިސްރާއީލުން ކުރިއަށް ދާނެ ކަމަށް، އިސްރާއީލުގެ ހުދުހުމުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކުރައްވާ، ތަގުރީރު ކުރައްވަމުން ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލުން ވައިގެ މަގުން ގައްޒާއަށް ހަމަލާ ދެމުން ދަނީ އޭގެ އެންމެ ފުރިހަމަ ބާރުގައި ކަމަށާ، މި ގޮތުގައި އަދި ދުވަސްތަކެއް ހޭދަ ވާނެ ކަމަށެވެ. ނަތަންޔާހޫ އިތުރަށް ވިދާޅުވީ، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސްގެ ވެރިންގެ އަގު، ބޮޑު އަގެއް އިސްރާއީލުން އަތުލާނެ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހެއް / ފޮޓޯ: އަލްޖަޒީރާ

ގައްޒާގެ ސިއްހަތާ ބެހޭ އިދާރާތަކުން ހަބަރު ދޭ ގޮތުގައި، އާދީއްތަ ދުވަހުގެ އުދުވާންތަކުގައި އިސްރާއީލުން ވަނީ ގައްޒާ ސިޓީގެ 3 އިމާރާތެއް ބިމާ ހަމަކޮށްފައެވެ. އަދި މި ހަމަލާތަކުގައި، އިއްޔެ އެކަނިވެސް 42 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑް ކޮށްފައި ވެއެވެ.

މިއީ 2014 ވަނަ އަހަރު، އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމަ ކުރި ފަހުން، އިސްރާއީލުން ދެމުންދާ އެންމެ ވަރުގަދަ އުދުވާނީ ހަމަލާތަކެވެ. މި ފަހަރުގެ އުދުވާންތައް، ހަފުތާއެއްހާ ދުވަހަށް ދިގުލާ ގޮސްފައި ވާއިރު، މިހާތަނަށް، 190 އަށް ވުރެ ގިނަ މީހުން މަރުވެ، 1200 އެއްހާ މީހުން ޒަހަމްވެފައި ވާ ކަމަށް، ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހަބަރު ދެއެވެ.