ރެސްކިއު ޓީމުތަކުން ގައްޒާގައި އަވަދިނެތި ހަރަކާތްތެރިވަމުން ދަނީ 7 ދުވަހަށް ދިގުލާ ގޮސްފައިވާ އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންނާއި، އެތަންތަނުގައި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތުގައެވެ.

ރެޔަށް އެކަނި ބަލާލި ކަމުގައި ވީ ނަމަވެސް، ގައްޒާއަށް އަމާޒުކޮށް އިސްރާއީލުން ވަނީ 150 ރޮކެޓް ހަމަލާއެއް ދީފައެވެ. މި ދަންނަވާލީ އެންމެ 1 ގަޑިއިރުގެ ވާހަކައެވެ. ފަލަސްތީނުގެ ސަލާމަތީ މަސްދަރުތަކުން ސިފަކުރާ ގޮތުގައި، މިއީ 2000 ވަނަ އަހަރު ފަލަސްތީނުގެ 2 ވަނަ އިންތިފާލޯ ނުވަތަ ސީދާ ހަރަކާތްތައް ފެށި ފަހުން، އިސްރާއީލުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

ކުދިކުދިވެފައިވާ ބޮޑެތި އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި ތާށިވެ، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށް ދާއިރު މުޅި ތަނުގައި އެއް އަޑަކަށް ގުގުމުން ދަނީ ރުއިމުގެ އަޑުފަށްގަނޑެވެ. ބިރުވެރިކަމާއި ހިތްދަތި ކަމާ، ވޭނާއި ތަދުގެ އަޑެވެ.

ގައްޒާގެ ރައްޔިތުން 1442 ވަނަ އަހަރުގެ ފިތުރު އީދާ ބައްދަލުކުރީ އިސްރާއީލުގެ އުދުވާންތަކުގެ ތެރޭގައި / ފޮޓޯ: އަލްޖަޒީރާ

އިސްރާއީލުން ގައްޒާއަށް އަމާޒު ކުރި ހަމަލާތަކުގެ ދެބައިކުޅަ އެއްބައި ހާ ހަމަލާ އަމާޒު ކުރީ އާންމުން ދިރިއުޅޭ ގެތަކަށެވެ. މަގުތައްވެސް ވަނީ މުޅިން ހަލާކުވެފައެވެ.

ރޭގެ ހަމަލާތަކުގައި 26 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، މި ފަހުން އިސްރާއީލުން ދޭން ފެށީ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 170 އަށް ވުރެ މައްޗަށް އަރައެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، ދިރިހުއްޓާ 5 ކުޑަކުއްޖަކު ސަލާމަތް ކޮށްފައިވެއެވެ.

"އިމާރާތްތަކުގެ ބައިތަކުގެ ދަށުން، މީހުން ހަޅޭއްލަވާ އަޑު އަދިވެސް އިވޭ. މި މައިދާނުގައި މަސައްކަތް ކުރުމުގެ ސަބަބުން އަހަރެންގެ ހިތުން ބިރު ފިލައިފި. ފެންނަ މަންޒަރުތަކުން މިހާރު ސިހުމެއް ނުވޭ. އެކަމަކު، ކުޑަކުދިންގެ ހަށިތައް ނަގާއިރު ވަރަށް އަސަރު ކުރޭ" ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި، މަރުވެފައި އޮތް 3 ކުޑަކުއްޖެއްގެ ހަށިގަނޑު ނެގި މަދަނީ ދިފާއީ ހިދުމަތްތެރިއެއް ކަމަށްވާ މިދުހަތު ހަމްދަން ބުންޏެވެ.

"ކުޑަ އަންހެންކުއްޖެއްގެ ރުއިމުގެ އަޑުއިވުނު. ފޯނެއް ރިންގުވާ އަޑުވެސް އިވުނު. އަހަރަމެން ދިޔައީ އެ އަޑު އައި ދިމާއަށް. އެތައް ގަޑިއިރެއްގެ މަސައްކަތުން އެ ހިސާބަށް ގޮސް، ބުލްޑޯޒަރާއި އަލި ބޭނުންކޮށްގެން އެކުއްޖާ ހޯދުނު. އެކުއްޖާ ފެނުނުއިރު ފުރާނަ ހުރި" މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ އިތުރު މީހަކު ކިޔައިދިނެވެ.

ފަލަސްތީނުގެ ސެންޓާ ފޮ ހިއުމަން ރައިޓްސްގެ އިސްވެރިޔާ، ރާޖީ އަލް-ސޫރާނީ ވިދާޅުވީ، އިސްރާއީލުން ގަސްދުގައި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާ ދޭ ކަމަށެވެ. އަލް-ވަހްދާއަށް އަމާޒު ކުރި ހަމަލާތަކަށް ބަލާއިރު، އެއީ، އާންމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން، އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއްކަން ސާފުވާ ކަމަށްވެސް އަލް-ސޫރާނީ ވިދާޅުވިއެވެ.

ހުރިހާ ކަމެއް ލޮލަށް ފެންނަން އޮންނައިރުވެސް އިސްރާއީލުން ބުނަމުންދަނީ، އިސްރާއީލުގެ ހަމަލާތަކަކީ ގައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތަށް ދޭ ހަމަލާތަކެއް ކަމަށެވެ. އެކަމަކު، ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 40 އަށް ވުރެ ގިނަ ކުޑަކުދިން މަރާލި ކަމީ، މިއަދު މުޅި ދުނިޔެއަށް އެނގެން އޮތް ހަގީގަތެކެވެ.