ކޮވިޑް-19އަށް ޕޮޒިޓިވް ވެ 50 އާ ގާތްކުރާ އަދަދަކަށް މާބަނޑު އަންހެނުން ފަރުވާ ހޯދަމުންދާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތައް ބަލާނަމަ 50އާ ގާތްކުރާ އަދަދަކަށް މާބަނޑު އަންހެނުންނަށް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.
ޕޮޒިޓިވްވާ އަދަދާއި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުން ދާއިރު މީގެ ކުރިން އެޗްއީއޯސީން ވެސް ވަނީ މި ފަހުން ރާއްޖޭގައި ގިނަވި ކޭސްތަކުގެ ތެރޭގައި ގިނަ ދަދެއްގެ މާބަނޑު މީހުން ޕޮޒިޓިވް ވަމުންދާ ކަން ފާހަގަ ކޮށްފައެވެ.
އޭގެ ތެރޭގައި ކުޑަކުދިންގިނަ އަދަދަކަށް ހިމެނެއެވެ. އެޗްޕީއޭ އިން ހިއްސާކުރި ވީޑިއޯ މެސެޖެއްގައި، ޑރ. ނަޒްލާ މުސްތަފާވެސް ވަނީ ކުޑަކުދިންގެ އަދަދު އިތުރުވަމުން ދާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނަޑަކަށް 70 ނުވަތަ 80 ވަރަކަށް ކުދިން ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޕޮޒިޓިވްވާ ކުދިންގެ ތެރޭގައި، ކޮންމެ ދުވަހަކު ވެސް އެއް އަހަރުން ދަށުގެ ހަތަރެއް ނުވަތަ ފަސް ކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮޑެތި މީހުންނާ އަޅާބަލާއިރު ކުޑަކުދިން ޕޮޒިޓިވް ވެއްޖެނަމަ ހާލު ސީރިއަސް ވުމުގެ ފުުރުސަތު ދަށް ނަމަވެސް ކުޑަކުދިން ޕޮޒިޓިވް ވަމުން ދަނީ ކަންބޮޑުވާ މިންވަރަށް ކަމަށްވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދަރިންގެ ރައްކަލަށްޓަކައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.