ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންގައި ހުރި މާބަނޑު އަންހެން މީހާއަށް އެޓެންޑްވެފައި ވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޕީއޭއިން އެ އަންހެން މީހާއަށް އެޓެންޑްވީ ކަމަށް ބުނި ނަމަވެސް އެޓެންޑްވީ ކޮން ދުވަހަކު ކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

ސޯޝަލް މިޑިއާގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންގައި ހުރި މާބަނޑު މީހަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަޅާނުލާ ކަމަށް ބުނެ ވާހަކަތައް ފެތުރިފައެވެ. އެ އާއިލާއިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޮވިޑަށް ޕޮޒިޓިވް މާބަނޑު މީހާ އަކީ ވިހަން ގާތްވެފައި ހުރި މީހެއް ކަމަށާއި އަދި އެ އަންހެން މީހާ ދަނީ ވޭންތަކެއް ތަހައްމަލު ކުރަމުން ކަމަށެވެ.

ހަމައެއާއެކު 5 ދުވަސް މެދުނުކެނޑި އެޗްޕީއޭއަށް ގުޅަމުންދާ ކަމަށާއި އެ އަންހެން މީހާއާއި ބަނޑުގައި އޮތް ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އެދޭތާ 5 ދުވަސްވީ އިރު ވެސް އެޗްޕީއޭއިން މީހަކު އައިސްފައި ނުވާ ކަަމަށް އާއިލާގެ ފަރާތުން ޓްވީޓާގައި ކުރި ޕޯސްޓްގައި ވެއެވެ. އަދި އާންމު މީހަކު ފުރިހަމަ ސިއްހީ ފަރުވާ ހޯދަން ޖެހެނީ ސަލާން ޖަހަން ތޯ އަހާ އެ އާއިލާއިން ވަނީ ސުވާލު އުފައްދާފައެވެ.

ކޭސްތައް އިތުރުވަމުން އައި މި ދަނޑިވަޅުގައި އެޗްޕީއޭގެ ކޯލް ސެންޓަރުން ކޯލްތަކަށް އެޓެންޑް ނުކުރާ މައްސަލައަކީ ވެސް ވަރަށް ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ މައްސަލައެކެވެ.

ޕޮޒިޓިވްވާ މީހުންނަށް ވެސް އެޓެންޑް ކުރުމުގައި ލަސްތަކެއް އުޅޭ އިރު ކޮންމެ ދުވަހަކު ރިޕޯޓްކުރާ ޕޮޒިޓިވް ކޭސްތަކުގައި ވެސް ބެކް ލޮގެއް އުޅޭ ކަމަށް އެ އެޖެންސީން އަންނަނީ ބުނަމުންނެވެ.