ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތު އިތުރު ކުރުމާއެކު ވިޔަފާރިތަކަށް ޑެލިވެރީގެ ހިދުމަތް ދިނުމަށްޓަކައި ކާފިއު ވަގުތު ބޭރަށް ނުކުމެ އުޅުމަށް ދޫކުރާ ފާސް އިތުރަށް ބޭނުންވާ ނަމަަ ހުށަހެޅުމަށް ތްރޭޑް މިނިސްޓްރީން އެދިއްޖެއެވެ.

ޓްރޭޑް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ފާސް ބޭނުންވާ ނަމަ މުވައްޒަފުންގެ ތަފްސީލު އެ މިނިސްޓްރީއަށް ފޮޮނުވަން ޖެހޭ ކަމަށެވެ. މުވައްޒަފުންގެ ތަފްސީލު އަދި މައުލޫމާތު ސާފުކުރުމަށް ގުޅާނެ ފަރާތެއްގެ ތަފްސީލު އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެ މިނިސްޓްރީން ބުނެއެވެ.

ކޮންމެ ވިޔަފާރިއަކަށް ވެސް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ އަދަދަށް ވުރެ އިތުރަށް އެދޭ ހާލަތުތަކުގައި، އެ ވިޔަފާރިއެއްގެ މަސައްކަތްތަކަށް އިތުރަށް މުވައްޒަފުން ބޭނުންވާ މިންވަރު ދިރާސާކުރުމަށްފަހު ވަކި ގޮތެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ޓްރޭށުން ބުނެއެވެ.

މިހާރު ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ލިމިޓް ހާމަކުރަމުން އެ މިނިސްޓްރީން ބުނީ، މުދާ ޑެލިވަރީ ކުރަން އެދޭ ވިޔަފާރިތަކަށް ދޫކުރާނީ ޑެލިވަރީ ކުރުމުގެ ދެ ފާހާއި ސަޕޯޓް ސްޓާފުންނަށް ދެ ފާހެވެ. ކެފޭ ރެސްޓޯރަންޓްތަކަށް ދޫކުރާނީ ޑެލިވަރީއަށް ދެ ފާހާއި ސަޕޯޓް ސްޓާފުންނަށް ހަތަރު ފާހެވެ.

ރަށްރަށާއި ރިސޯޓްތަކަށް މުދާ ފޯރުކޮށްދޭ ވިޔަފާރިތަކަށް ދޫކުރަނީ ދެ ފާހެވެ. ވިޔަފާރިތަކަށް ދޫކުރާނީ އެއް ފާހެވެ. ވިޔަފާރިތަކަށް ޑެލިވަރީ ފާސް ދޫކުރާނީ މިނިސްޓްރީން ކަމަށާއި ކެފޭ ރެސްޓޯރެންޓާއި ވިޔަފާއިތަކާއި ރަށްރަށާއި ރިސޯޓްތަަކަށް ފާސް ދޫކުރާނީ ފުލުހުން ކަމަށް ވެސް ޓްރޭޑް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި މިހާރު އަންނަނީ ވަރަށް ހަލުވި ކަމާއެކު ކޮވިޑް ބަލި ފެތުރެމުންނެވެ. އަދި މި ހާލަތުގައި މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހަވީރު 4:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނުކުމެ އުޅުން މިހާރު ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. މި ހާލަތުގައި އެތަންތަނުން ހަމައެކަނި ދެވޭނީ ޓޭކްއަވޭ ހިދުމަތާއި ޑެލިވަރީ ހިދުމަތެވެ.

އާންމުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ދަތިތައް ކުރިމަތި ނުވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށްޓަކައި ކާފިއު ވަގުތުތަކުގައި ހާއްސަ ހުއްދައަކާ އެކު ފިހާރަތަކަށާއި ކެފޭ ރެސްޓޯރެންޓްތަކަށް ރޭގަނޑު 12:00 ޖެހުމާ ހަމައަށް ޑެލިވަރީ ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.