ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި 7 ރަށަކަށް އުދައަރަމުންދާމަށް ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ އުތުރުގެ ބައެއް އަތޮޅުތަކަށް އުދައަރަމުންދާކަމުގެ ހަބަރު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ. އެގޮތުން ހއ. ހޯރަފުށި، ހއ. އުލިގަމު، ހއ. ތުރާކުނު، ހއ ދިއްދޫ އަދި ށ. މިލަންދޫ، ށ. ފުނަދޫ އަދި ށ. ކޮމަންޑޫއަށް އުދައަރަމުންދާކަމަށް މައުލޫމާތު ލިބޭކަމަށެވެ.

ހޯރަފުއްޓަށް އުދައަރަމުންދަނީ

މިއަދުގެ ވަގުތެއްގައި ހދ. ކުޅުދުއްފުށި ގެއެއްގެ ފުރާޅު ގަދަ ވަޔާއެކު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން އަދި ރަށު ކައުންސިލުން ގުޅިގެން އެ ގޭގައި ވަގުތީގޮތުން ފުރާޅު އަޅާދީފައި ވާކަމުގައި އެންޑީއެމްއޭއިން ބުނެއެވެ. އަދި ހއ. ހޯރަފުއްޓަށް ގަދަ ވަޔާއެކު އުދަ އަރައިގެން ލިބެމުންދާ ގެއްލުންތައް ވެސް ކުޑަކުރުމަށް ރަށު ކައުންސިލާއި ފުލުހުން މަސައްކަތް ކުރަމުން ދާކަމަށާ އިތުރު އެހީ ބޭނުން ވެދާނެ ފަދަ ހާލަތަކަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ތައްޔާރުވެފައި ވާކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނެފައި ވަނީ މިމަހުގެ 12 ގައި އައްޑޫއަށް ކުރި ވިއްސާރާގައި 176 ގެއެއްގައި ފެންބޮޑުވެފައި ވާކަމަށާ އެމްއެންޑީއެފްގެ ސަދަން އޭރއިއާއިން އެހީ ފޯރުކޮށްދީފައި ވާކަމަށެވެ. އަދި ހަމަ އެދުވަހު ފުވައްމުލައް ސިޓީއަށް ކުރި ވިއްސާރައިގައި ފެނުގެ އަސަރު 270 ގެއަކަށް ކޮށްފައި ވާކަމަށް ވެސް ބުނެއެވެ. މި 270 ގެއަށް އެމްއެންޑީއެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ވަނީ އޮރެންޖު އެލާޓުވެސް ނެރެފައެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ބުނެފައި ވަނީ ކުރިޔަށް އޮތް 3 ދުވަހުވެސް ރައްޖޭގެ އެކި ހިސާބުތަކުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ ވައިބާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާ، އާންމު ގޮތެއްގައި 17 މޭލާ 27 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލާ 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.

ރާއްޖެ ކައިރިން އަރަބިކަނޑުގައި ކޮޅިގަނޑެއް އުފެދިފައި ވާއިރު މި ކޮޅިގަނޑު މިހާރުވަނީ ބާރުގަދަވާން ފަށާފައެވެ. އަދި މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ. މި ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވިއްސާރަ ވިލާ އުފެދެމުން ދާކަމަށާ މި ކޮޅިގަނޑު މިހާރު ދަނީ ރާއްޖެއާ ދުރަށް ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.