ފަލަސްތީނުގެ ގައްޒާއަށް އަމާޒުކޮށް އިސްރާއީލުން ދެމުންދަ އުދުވާނީ ހަމަލާތައް ވަރުގަދަކޮށްފިއެވެ.

5 ވަނަ ދުވަހަކަށް ހަމަލާތައް ދިގުލާ ގޮސްފައި ވާ އިރު، މިއަދުގެ ހަމަލާތަކުގައި އެއްގަމު މަގުންވެސް ގައްޒާއަށް ހަމަލާ ދެމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ. އިސްރާއީލުން އެއްގަމު މަގުން ގައްޒާއަށް ހަމަލާ ދެމުން ދަނީ ގައްޒާގެ ބޯޑަރު ސަރަހައްދުގައި އަސްކަރީ ބަރު ހަތިޔާރު ބޭނުން ކޮށްގެންނެވެ. ނަމަވެސް، އަދި ގައްޒާ ތެރެއަށް ވަދެގެންފައި ނުވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ.

އިސްރާއީލުން ގައްޒާއަށް އަމާޒުކޮށް ދެމުންދާ އުދުވާނީ ހަމަލާތައް ރޭވެސް ކުރިއަށް ގެންގޮސްފައި ވާއިރު، މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 119 އަށް އަރާފައެވެ. މީގެ ތެރޭގައި 30 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލުން ގައްޒާއަށް ވަދެގަނެ، ހަނގުރާމަ ގަދަކޮށްފާނެ ކަމުގެ ބިރަށް، ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ގައްޒާގައި އެމީހުން ދިރިއުޅޭ ގެތަށް ދޫކޮށް، ރެފިއުޖީ ކޭމްޕުތަކަށް ބަދަލު ވަމުންނެވެ.

އިސްރާއީލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ، ކޮންމެހެން ހަމަލާ ދޭންޖެހޭ ހުރިހާ ވަގުތަކު އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ދެމިގެންދާނެ ކަމަށެވެ. ކަން މިހެން އޮތްއިރު، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ، އަސްކަރީ ރޮނގުން، އިސްރާއީލަށް ހަރުކަށި ފިލާވަޅެއް ދަސްކޮށްދޭން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ދީފައެވެ. ހަމާސްއިން މިހާރުވެސް ދަނީ އިސްރާއީލަށް ހަމަލާތަކެއް އަމާޒު ކުރަމުންނެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ސިލްސިލާ ގޮތެއްގައި ހިންގަމުންދާ ހަމަނުޖެހުންތައް މިފަހަރު ހޫނުވެފައި ވަނީ، އިރުމަތީ ގުދުސްގެ ޝައިހް ޖައްރާގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ގެތަކުން ނެރުމަށް އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިން ފަށާފައިވާ ކެމްޕޭންގެ ސަބަބުންނެވެ.