ފާއިތުވީ ހަފުތާއެއްހާ ދުވަހަކީ އިސްރާއީލުގެ އުދުވާންތަކުން ގައްޒާއަށް ނާމާންކަމާ ބިރުވެރިކަން ގެނުވި ދުވަސްތަކެކެވެ. މިއީ ގައްޒާއަށް އާ ކަމެއް ނޫން ކަމުގައި ވީ ނަމެވެސް، މިފަދަ އުދުވާނީ ސިލްސިލާތަކަކީ، އެކަން ތަޖުރިބާ ކުރާ މީހުންގެ ހިތްތަކަށް އިންތިހާ ނުތަނަވަސްކަން ވެރި ކުރުވާ ސިލްސިލާތަކެކެވެ.

މިފަދަ އެކަކީ، ނަޖުވާ ޝައިހު-އަހުމަދުއެވެ. އިސްރާއީލުގެ އުދުވާންތައް އަމާޒުވާން ފެށީ، އޭނާ ދިރިއުޅެމުންދާ ގެއާ މާ ދުރުނޫން ހިސާބަކަށެވެ. ނަތީޖާއެއްގެ ގޮތުން، އޭނާއަށް މިހާރު ލޮލުފިޔަޖަހާލަންވެސް ބިރުގަނެއެވެ.

"ރޭގަނޑުގެ ވަގުތުތަކަކީ އަހަރަމެންނާ، އަހަރަމެންގެ ދަރިންނަށް ނާމާން ވަގުތުތަކެއް. ކޮންމެ ފަދަ ވަގުތެއްގައިވެސް، އަހަރަމެންގެ ގެއަކީ، އަހަރަމެންގެ ކަށްވަޅު ކަމުގައި ވެދާނެ"، 5 ދަރިންގެ މަންމަ، ނަޖުވާ ބުންޏެވެ.

ގައްޒާގައި އޭނާގެ އާއިލާއެކު ދިރިއުޅެމުން އަންނަ ނަޖުވާ ޝައިހު-އަހުމަދު / ފޮޓޯ: ބީބީސީ

ދުވާލެއްގެ ހަތަރު ދަމު، ނަޖުވާގެ ކަންފަތަށް އެއް އަޑަކަށް އިވެމުން ދަނީ، ޔަހޫދީ އިސްރާއީލުންގެ އަސްކަރީ މަތިންދާބޯޓުތައް ކޮޅުކޮޅު މައްޗަށް ދުއްވާ އަޑެވެ. އެއާއެކު ދެން ގުގުމަނީ މިސައިލާ ބޮމުގެ ހަމަލާގެ އަޑުފަށްގަނޑެވެ.

"ވަށައިގެންވާ ހުރިހާ ތަނަކަށް ލޮޅުން އަރާ. އަހަރަމެންވެސް ތުރުތުރު އަޅާ، ބިރުން" ހާލަތު ސިފަކޮށްދެމުން ނަޖުވާ ތަފްސީލުކޮށްދިނެވެ.

ކުރިންވެސް ދެންނެވި ފަދައިން، ނަޖުވާއަކީ ގައްޒާގައި މިވަގުތު މި ހާލުގައި ދިރިއުޅެމުން އަންނަ އެތައް ހާސް މީހުންނެއްގެ ތެރެއިން އެކަކެވެ. އިސްރާއީލުގެ އުދުވާންތަކުގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި، 30 އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނެއެވެ. ޒަހަމްވީ މީހުންގެ އަދަދު އުޅެނީ 500 އަށް ވުރެ މަތީގައެވެ.

ގައްޒާގެ ރައްޔިތުން 1442 ވަނަ އަހަރުގެ ފިތުރު އީދާ ބައްދަލުކުރީ އިސްރާއީލުގެ އުދުވާންތަކުގެ ތެރޭގައި / ފޮޓޯ: އަލްޖަޒީރާ

އިސްރާއީލުގެ އެތައް ސަތޭކަ މިސައިލް ހަމަލާއެއް ގައްޒާއަށް އަމާޒު ވަމުން ދާއިރު، ނަޖުވާއާ، އޭނާގެ އާއިލާ ޖަމާވެ ތިބެނީ އެއް ބުރިއަށް ހުންނަ ގޭގެ މެދުގައެވެ. ދެން އަންނަ މިސައިލް ހަމަލާއަކީ، އެ ގެއަށް އަމާޒުވެދާނެ ހަމަލާއެއް ކަން ހިނދުކޮޅަކަށްވެސް ހިތުން ފިލާ ނުދެއެވެ.

"ކޮންމެ ފަދަ ސިކުންތެއްގައިވެސް، ބޮމުގެ ހަމަލާގެ މެދުގައި ހުންނަން ޖެހިދާނެ. އިރެއްގައި މިއީ ހިޔާވަހި ކަމުގައި ދުށް ނަމަވެސް، ދެން އޮތް ތަނުގައި މިއީ ތިބާއާ ތިބާގެ ދަރިންގެ ކަށްވަޅު ކަމުގައި ވެދާނެ. އެއާއެކު ވަޅުޖެހި އެދަނީ، ހުވަފެންތަކެއް، ހަނދާންތަކެއް. ހުރިހާ އެއްޗެއް" ނަޖުވާގެ ހިތް ނުތަނަވަސް ކުރުވަމުން ދިޔަ އުދާސްތައް ބޭރު ކުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

ގައްޒާގައި ނަޖުވާ ދިރިއުޅެމުން ދަނީ ރެފިއުޖީ ކޭމްޕެއްގެ އެންމެ މަގަތުގައެވެ. އުމުރުން 11 އަހަރާއި 22 އަހަރުގެ 5 ދަރިންނާ، ފިރިމީހާއާއެކުގައެވެ.

ގައްޒާގައި އޭނާގެ އާއިލާއެކު ދިރިއުޅެމުން އަންނަ ނަޖުވާ ޝައިހު-އަހުމަދު / ފޮޓޯ: ބީބީސީ

ނަޖުވާގެ ހިތުގައި ނަގަމުންދާ ނުތަނަވަސް ކަމުގެ ރާޅުބާނީތައް ބޮޑުވާން ފެށީ، އިސްރާއީލުން އެއްގަމު މަގުންވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރުތައް ދިނުމާ އެކުގައެވެ.

"ރައްކާތެރި ކަމެއް ނެތް. މައެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް ބިރުގަނޭ. ވަރުބަލިއްވެއްޖެ" ވަށައިގެން ހިނގަމުންދާ ކަންކަން ދަރިންނަށް ތަފްސީލުކޮށްދޭނެ ގޮތެއް ނޭނގި އިން ނަޖުވާ ބުންޏެވެ.

ނަޖުވާ ބުނި ގޮތުގައި އޭނާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ވާހަކަތައް ދަރިންނާ ހިއްސާއެއް ނުކުރެއެވެ. ނަމަވެސް، އެ ދަރިން އަމިއްލައަށް ހަބަރާއި މައުލޫމާތު ހޯދައިގެން އެކަންކަން ދެނެގަނެއެވެ. އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން މިމަންޒަރުތައް ސާފުވެއެވެ.

މިއާއެކު ނަޖުވާ ކަންބޮޑުވަމުން ދަނީ އެ ދަރިންނަށް ނަފުސާނީ ގޮތުން ކުރާނެ އަސަރަކާ މެދުގައެވެ. އުމުރުން 12 އަހަރު ފުރެން ގާތް ވެފައިވާ އޭނާގެ އެންމެ ހަގު ފިރިހެން ދަރިފުޅު، މުޙައްމަދަކީ، 2008-2009 އަށް އަދި 2014 ވަނަ އަހަރު އިސްރާއީލުން ގައްޒާއަށް ދިން ވަރުގަދަ ހަމަލާތަކުގެ ދުވަސްވަރުވެސް ތަޖުރިބާ ކުރި ކުއްޖެކެވެ.

އިސްރާއީލާ ގައްޒާ ހިއްސާކުރާ ފެންސް ކައިރިން ޒުވާނަކު ދުވެފައިދަނީ / ފައިލް ފޮޓޯ: އޭއެފްޕީ

"އެ ދަރިފުޅު ބޮޑުވާއިރު، އޭނާގެ ކުޑައިރުގެ ހަނދާންތައް ހުންނާނެ ގޮތް ހިޔާލަށްވެސް ނުގެނެވޭނެ. އޭނާގެ ދަރިންނަށް އޭނާ ކިޔައިދޭން އޮންނާނީ ކޮން ހަނދާންތަކެއް" މާޔޫސްވެފައި އިން ނަޖުވާ ސުވާލުކޮށްލިއެވެ.

ކިތަންމެ ހަނގުރާމައެއް ތަޖުރިބާ ކުރި ކަމުގައި ވީ ނަމަވެސް، އެއީ ދުވަހަކުވެސް "އާދަވާނެ" ކަމެއް ނޫނެވެ. ނަޖުވާވެސް އެކަން ގަބޫލު ކުރެއެވެ. ނަމާން ކަމާ، ބިރުވެރިކަމުގެ ތެރެއިން، ކުޑަކުދިންގެ ރޮއި ގޮސްލިމުގެ އަޑުތަކަކީވެސް، އަހާ ފަރިތަވެ، ކެތްކުރަން ފަސޭހަވާނެ އަޑުތަކެއް ނޫނެވެ.