ފަލަސްތީނުގެ ގައްޒާއަށް އަމާޒުކޮށް އިސްރާއީލުން ވަރުގަދަ ކޮށްފައިވާ ވައިގެ އުދުވާނީ ހަމަލާތަކުގައި، ގައްޒާއިން މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައިފިއެވެ.
ހުކުރު ދުވަހުގެ ހެނދުނާ ހިސާބަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު 114 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި 30 އަށް ވުރެ ގިނަ ކުޑަކުދިންވެސް ހިމެނެއެވެ.
އިސްރާއީލުން 6 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، މެދުއިރުމަތިގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިންޑިއާ ރައްޔިތަކުވެސް މަރުވެފައި ވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
ބަރަކާތްތެރި ރޯދަމަހުގެ އަޅުކަމާ ވިދިގެން ބައްދަލު ކުރި ފިތިރު އީދު ދުވަސްވެސް، ގައްޒާގެ ރައްޔިތުން ހޭދަ ކުރީ ވައިގެ ހަމަލާތަކުގެ ނާމާން ކަމާއި ހާސްކަމުގެ ތެރޭގައެވެ.
މި ދަނޑިވަޅަކީ ގައްޒާ ބޯޑަރުގައި އިސްރާއީލުން އަސްކަރީ ބާރުވެރިކަން ގަދަ ކުރަމުން އަންނަ ދަނޑިވަޅެކެވެ. ކަން މިހެން އޮތް ނަމަވެސް، އެއްގަމު މަގުން، ގައްޒާއަށް އަދި ހަމަލާ ދޭން ނުފަށާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިސްރާއީލުން ވަނީ އެއްގަމު މަގުންވެސް ގައްޒާއަށް ހަމަލާ ދޭން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.
އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ހުޅަނގު އައްސޭރީގައި މިހާރު ވަނީ މުޒާހާރާތައް ފަށާފައެވެ. މީގެ އިތުރުން ލުބްނާނުންވެސް ވަނީ އިސްރާއީލަށް ހަމަލާތަކެއް ދީފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ޖަރުމަނުވިލާތުގައިވެސް މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ޖަރުމަނު ފުލުހުން ވަނީ މުޒާހަރާގެ ގިނަ އަދަދެއްގެ ބައިވެރިންތަކެއް ހައްޔަރުވެސް ކޮށްފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، މެދުއިރުމަތީގެ މަސްރަހު ފިނި ކުރުމަށް ގޮވާލައްވާފައެވެ. އަދި ސަރަހައްދީ ލީޑަރުންނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ފަލަސްތީނާ އިސްރާއީލުގެ ނުތަނަސް މަސްރަހާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް، ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް، ނޯވޭ، ޗައިނާ އަދި ތޫނިސް ހުށަހެޅި ހުށަހެޅުމަށް، އެމެރިކާއިން ވަނީ ދެކޮޅު ހަދާފައެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު ހޫނުވެފައިވާ މަސްރަހާ ގުޅިގެން އދގެ ސާލާމަތީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް، މިމަހުގެ 16 ވަނަ ދުވަހު އޮންނާނެ ކަމަށް، އދގައި އެމެރިކާ ތަމްސީލު ކުރައްވާ މަންދޫބު، ލިންޑާ ޓޮމަސް-ގްރީންފީލްޑް ވަނީ ވިދާޅުވެފައެވެ.