ދިރާގުން މި އަހަރުގެ ފިތުރު އީދުގައި ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ޚާއްސަ އޮފަރ ތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ ކޮވިޑް19 ގެ ހާލަތު ގޯސްވުމާ ގުޅިގެން މާލެ ސިޓީގައި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅިގެން، މި އަހަރުވެސް ފިތުރު އީދު ގޭގައި ތިބެގެން ފާހަގަ ކުރަން ޖެހިފައި ވުމުން އެންމެ ބޮޑު އިސްކަމެއް ދެނީ ޢީދު ދުވަހު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށެވެ.

އެގޮތުން، މި އަހަރު ރަމަޟާން މަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލް ކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް ވަނީ އީދު ޑޭޓާ ބަންޑަލްތަކުގެ ނަމުގައި ތައާރަފުކޮށްފައެވެ. އެހެންކަމުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް އީދު 20ޖީބީގ އެފްބީބީ ޑޭޓާ ބޫސްޓާ އެކްޓިވޭޓް ކުރެއްވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އަދި ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ޢީދު 7ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް އީދު 14ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެއެވެ. މޮބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ އަދި އެފްބީބީ ޑޭޓާ ބޫސްޓާ މޭ މަސް ނިމެންދެން ބޭނުނުން ކުރެއްވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރެއްވުމަށް މާދަމާއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ދެމެދު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކުރައްވައިގެން ކަމަށްވެސް ދިރާގުން ބުނެއެވެ.

މީގެ އިތުރުން، މުޖުތަމައުއަށް އެހީތެރިވުމުގެގޮތުންނާއި ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން، މި އަހަރުގެ ރަމަޟާން މަހުގެ އޮފާ އެކޭ އެއްފަދައިން އީދު ޑޭޓާ ބަންޑަލްސް ބައްލަވައިގަންނަވަން ކަސްޓަމަރުން ކުރައްވާ ހަރަދުގެ 10 ޕަސެންޓް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ވަނީ ނިންމާފައިއެވެ.

ދިރާގުން ބުނީ ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ހިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. އަދި މި ދަތި ދުވަސްތަކުން ވީހާވެސް އަވަހާ އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރަމަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެންމެހާ ދިވެހިންނަށް ފިތުރު އިދުގެ ތަހުނިޔާ އަދާ ކޮށްފައެވެ.