ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރަމުން އަންނަ ފަލަސްތީނުގެ ގައްޒާއަށް އަމާޒުކޮށް އިސްރާއީލުން މި ފަހުން ދޭން ފަށާފައިވާ އުދުވާނީ ހަމަލާތަކުގައި، ގައްޒާގެ ފުލުހުންގެ އިދާރާތަކަށް ވައިގެ މަގުން، މިއަދު ހެނދުނު ހަމަލާތަކެއް ދީފިއެވެ.

މިއަދު ހެނދުނުގެ މި ހަމަލާތަކަކީ، ހަފުތާއެއްހާ ދުވަހަށް ދެމިގެން ގޮސްފައިވާ އުދުވާންތަކުގައި އެންމެ ވަރުގަދައަށް ދިން ހަމަލާތައް ކަމަށް މައުލޫމާތު ލިބެއެވެ.

ގައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ސަފްވަތު ކަހްލޫތު ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ގައްޒާގައި ހުންނަ ފުލުހުންގެ މައި މަރުކަޒީ އިދާރާ މިހާރު ވަނީ މުޅިން ސުންނާފަތި ކޮށްލާފައެވެ.

އިސްރާއީލުން ސިލްސިލާ ގޮތެއްގައި ދެމުން އަންނަ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 36 އަށް އަރާފައެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު 250 އަށް ވުރެ މައްޗަށް އަރާފައި ވާކަމަށް ހަބަރު ލިބެއެވެ.

ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސްގެ ކޮމާންޑަރުންގެ ގެތަކަށްވެސް އިސްރާއީލުން ހަމަލާ ދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އިސްރާއީލުން ވަނީ، ހަމާސްގެ ޖާސޫސީ ކަންކަމާ ގުޅޭ މުހިންމު ބަޔަކު "ނެތިކޮށްލާފައި" ވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

ރޭގެ ވަގުތުތަކުގައިވެސް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފައި ވާއިރު، ގިނަ އާއިލާތަކެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އެމީހުންގެ ގެތަށް ވަނީ، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ހަލާކުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިސްރާއީލު އަސްކަރިއްޔާގެ ޓޭންކަރުތައް މިހާރު ވަނީ، ގައްޒާ ބޯޑަރު ސަރަހައްދުގައި ރުކުރުވާލާފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާގެ އާ މަރުހަލާއެއްގެ ފެށުން ކަމަށް ސިފަކުރެވެއެވެ.

ކަން މިހެން އޮތްއިރު، އެކްޓިވިސްޓުން ދަނީ، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް، އިސްރާއީލުގެ ބައިނަލްއަގުވާމީ އެކުވެރިޔާ، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ގޮވާލަމުންނެވެ.