އިސްރާއީލުން އުދުވާނީ ހަމަލާތަކެއް ދީގެން، ފަލަސްތީނުގެ ކުށެއް ނެތް، މައުސޫމު ރައްޔިތުން މަރަމުން ދާ ދިއުން ހުއްޓުވުމަށް، އެބޭފުޅުންގެ ބާރުގައި، ކުރެވެން އޮތްހާ ކަމެއް ކޮށްދެއްވުމަށް، ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފުޓުބޯޅަ ކުޅުންތެރިޔާ، މުހައްމަދު ސަލާހް (ސަލާ)، ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގެ އުދުވާންތައް ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުންނަށް ސަލާހް ގޮވާލާފައިވާ ދަނޑިވަޅަކީ، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދީ، އާންމުންގެ 28 މީހަކު މަރާލާފައި ވާ ދަނޑިވަޅެކެވެ. މި ހަމަލާތަކުގައި ކުޑަކުދިންތަކެއްވެސް މަރުވި ކަމަށް ހަބަރު ލިބެއެވެ. ދުނިޔޭގެ ލީޑަރުންނަށް ސަލާގެ ވަރުގަދަ މެސެޖު ދިން އިރުވެސް، އިސްރާއީލުން ދިޔައީ ގައްޒާއަށް ހަމަލާ ދެމުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޓެގްކޮށް، ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ސަލާ ވަނީ، މައުސޫމު މީހުން މަރަމުންދާ ދިއުން، މިހާރުން މިހާރަށް ހުއްޓުވާލެވޭނެކަން ކަށަވަރު ކުރުމަށް ގޮވާލާފައެވެ. އުމުރުން 28 އަހަރުގެ ސަލާގެ ޓްވިޓާ އެކައުންޓް ފޮލޯ ކުރާ 14.3 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިއިރު، އެތައް ހާސް އެކައުންޓަކުން، މަދު މިނެޓްކޮޅެއްގެ ތެރޭގައި، މި ޓްވީޓް، ރީޓްވީޓް ކޮށްފައިވެއެވެ.

މެދުއިރުމަތީގެ މައްސަލައިގައި މިފަހަރު އަޑު އުފުލީ ލިވަޕޫލްގެ ސަލާހް

ސަލާއަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ކުޅުންތެރިއެކެވެ. ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނު ހިމާޔަތް ކުރުމަށް ގޮވާލާ، ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.